ދިރާގު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ބައިނަލްއަގްވާމީ އަދި ދިވެހި އެތުލީޓުންވެސް ބައިވެރިވެ އެވެ. އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ގައުމުން ރާޅާއެޅުންތެރިން ބައިވެރިވާއިރު ދިވެހިރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައިވެސް ވާދަކުރުމަށް ހަމަޖެހިފައިވެ އެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަށްވެ، ބައިނަލްއަގްވާމީ މި މުބާރާތް ރާއްޖޭގައި މުބާރާތް ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު މަގުފަހިކޮށްދީފައި،" މިރްޝާން ވިދާޅުވި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޗެއާމަން މުހައްމަދު ސޮބާހް ވިދާޅުވީ މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިރާގުން ވެދޭ ދީލަތި އެހީތެރިކަމަށް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

"ކޯވިޑް-19ގެ ސަބަބުން އައި މެދުކެނޑުމަކަށްފަހު މި އިވެންޓްގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސާފް ބްރޭކްތައްވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސޮބާހް ވިދާޅުވި އެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މިދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުންދާ ކުންފުންޏެކެވެ.