އެސްޓީއޯ

އެސްޓީއޯގެ ފިއުލް ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފި

Mar 17, 2022

ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސްޓީއޯއިން ހުޅުވާފައިވާ ފިއުލް ޓެސްޓިން ލެބޯޓްރީގައި މިއަދު ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފި އެވެ.

ޕްރޮޑަކްޓް ޓެސްޓިންގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތަށް އެސްޓީއޯ އިން ހުޅުވި މިލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ފޮނުވި ޖެޓްފިއުލް ސާމްޕަލް އެކެވެ.

އެސްޓީއޯ އިން މި ލެބް ގާއިމުކުރުމުގެ ކުރިން، ރާއްޖެ ގެންނަ ތެޔޮ ޓެސްޓް ކުރުމަށް ފޮނުވަމުން ދިޔައީ ރާއްޖެއިން ބޭރަށެވެ.

މި ލެބް ގާއިމުކުރުމާއެކު ހާއްސަ ގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓެއް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރީ-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ވަނީ ނިމުމަކަށް ގެނެވިފަ އެވެ.


ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯ އިން ހަރަދުކޮށްގެން ހުޅުވާފައިވާ މި ލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުންނެވެ.

ޖެޓްފިއުލްގެ އިތުރުން ރާއްޖެ އެތެރެކުރާ ޕެޓްރޯލް އާއި ޑީސަލްގެ ކީ ޕެރަމީޓާސްތައް ވެސް މި ލެބޯޓަރީން ޓެސްޓްކުރެވޭނެ އެވެ.


އެސްޓީއޯ އަށް ޓެސްޓްތައް ހަދައިދޭ ޖީއީއޯ ކެމް މިޑްލްއީސްޓަކީ މައުދަނާއި ކެމިކަލް ޓެސްޓިންގައި ދުނިޔޭގައި އެންމެ ފާހަގަކުރެވޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދުބާއީގެ ކުންފުންޏެކެވެ. ހިދުމަތް ދޭތާ 21 އަހަރުވީ ޖީއީއޯ ކެމް މިޑްލްއީސްޓުން ގެންދަނީ ޓެސްޓިން ހިދުމަތް 17 ގައުމެއްގައި ދެމުންނެވެ.

އެސްޓީއޯގެ ފިއުލް ލެބަކީ ދުނިޔޭގެ އެންމެ ޒަމާނީ މެޝިންތަކާއި ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ލެބެކެވެ.