އޭސީސީ

އޭސީސީގެ ރައީސަކަށް ޝާމިލް، ނައިބަކަށް ސަލާމް

Mar 17, 2022

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ކަމަށާއި ނައިބް ރައީސް ކަމަށް ބޭފުޅުން ކަނޑައަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އޭސީސީއަށް މިއަދު އައްޔަންކުރެއްވި ފަސް މެންބަރުންގެ ފުރަތަމަ ރަސްމީ ބައްދަލުވުން މިއަދު ވަނީ އޭސީސީގައި ބާއްވާފަ އެވެ.

މިބައްދަލުވުމުގައި އޭސީސީގެ ރައީސް ކަމަށް ކަނޑައެޅީ ތ. ވިލުފުށި ރަތްވިލާގެ، އާދަމް ޝާމިލް އެވެ. ނައިބްރައީސް ކަމަށް ކަނޑައެޅީ ށ. ނަރުދޫ ހަވާ އަބްދުއްސަލާމް އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސަކާއި ނައިބް ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، ކޮމިޝަންގެ މެންބަރުން ކަމަށެވެ. އަދި މިގޮތުން ކޮމިޝަންގެ ރައީސަކާއި، ނައިބް ރައީސަކަށް އައްޔަންކުރާ ބަޔަކު، އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން އަންގަންވާނެ ކަމަށެވެ.

އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ. ޝާމިލް ވަނީ ގައުމީ ޔުނިވަސިޓީން މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފަ އެވެ.

ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގަ އެވެ. ޢަބްދުއްސަލާމް ވަނީ ގައުމީ ޔުނިވަސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވާފަ އެވެ.

އޭސީސީ އަށް މިއަދު ފަސް މެންބަރުން އައްޔަންކުރެއްވީ ގާނޫނުގައި އެކަން ކުރަން ބުނެފައިވާ ތާރީހަށް ވުރެ އެތައް ދުވަހެއް ފަހުންނެވެ. އޭސީސީގައި އެންމެ ފަހުން ތިއްބެވި މެންބަރުން އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން މެންބަރުން އިސްތިއުފާ ދެއްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަންވާނެ އެވެ.