ރާއްޖެ ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތެއްގައި ކުޅިވަރު ޝަހުޝިއްޔަތުން ހޮވައިފި

ކުލަގަދަ ކޮށް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ބާއްވައިފި އެވެ. މިއީ މި ފަހުން ރާއްޖޭގައި މިހާ ކުލަގަދަކޮށް ކުޅިވަރު އެވޯޑް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މިރޭގެ އެވޯޑް ހަފްލާގައި "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ފަސް ބޭފުޅަކަށް ވަނީ އަރުވާފައެވެ. އެ ފަސް ބޭފުޅުންނަކީ ބަންގްލަދޭޝްގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ޒާހިދު އަހްސަން ރަސުލް އާއި ސްރީލަންކާގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަ އާއި ސައުދީ އަރަބިއްޔާގެ ވައިސް މިނިސްޓަރު އޮފް ސްޕޯޓްސް ބަދުރު އަލް ޤާޟީގެ އިތުރުން ރާއްޖެ އިން މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފް އަދި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަހްމަދު ނަޒީރެވެ.

މީގެ އިތުރުން ލައިފްޓައިމް އެވޯޑް ލިބިވަޑައިގެންނެވި 15 ބޭފުޅުންނާއި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅަކަށްވެސް މިރޭ ވަނީ އެވޯޑް ދެއްވާފައެވެ.

މި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މީގެ އިތުރުން ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔާ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއާ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއާ ވެސް ވަނީ ހޮވާފައެވެ.

އަދި މޯސްޓް ޕްރޮމިސިން އެތުލީޓް އޮފް ދި އިއާ އަންހެން އަދި ފިރިހެން އެތުލީޓްވެސް ވަނީ ހޮވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުން ދެ ޖިންސު ވަކީން އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ.

އެގޮތުން ފުޓްބޯޅަ އާއި ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އާއި ބިލިއާޑް އާއި ޓެނިސް އާއި ސްވިމިން އާއި ޓޭބަލް ޓެނިސް އާއި ހޭންޑްބޯލް އާއި ކެރޮމް އާއި ބެޑްމިންޓަން އާއި އެތުލެޓިކްސް އާއި ޗެސް އަދި ޝޫޓިން އިން އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިން ވަނީ ހޮވާފައެވެ.

މި ހަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.