އެސްޓީއޯ

އަސާސީ ބައެއް މުދަލަށް އެސްޓީއޯ އިން ހެޔޮ އަގުތަކެއް

ރޯދަ މަހުގެ ތެރޭގައި ބިސް، އަލުވި އަދި ފިޔާ ވިއްކާނެ އަގުތަކެއް އެސްޓީއޯ އިން ކަނޑައަޅައިފި އެވެ.

އެސްޓީއޯ އިން ބުނީ ރޯދަ މަސް ނިމެންދެން މި ތިން ބާވަތް ވިއްކާނެ އަގުތައް ކަނޑައަޅާފައިވާތީ އެ އަގުތައް ހިފެހެއްޓޭނެ ކަމަށެވެ.

ކިލޯ އަދި ބަސްތާ ވިއްކާ އަގު

  • ބިސް ކޭހެއް 300 ރުފިޔާ އަށް - ބިހެއް 1.75 ރުފިޔާ އަށް
  • ފިޔާ ބަސްތާއެއް 300 ރުފިޔާއަށް - ކިލޯއެއް 14 ރުފިޔާ އަށް
  • އަލުވި ބަސްތާއެއް 280 ރުފިޔާ އަށް - ކިލޯއެއް 13 ރުފިޔާ އަށް

އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި އަދި ބިސް ގަނޑުކޮށް ނުވަތަ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ އަގުތަކެއް ހަމަޖައްސާފަ އެވެ. އެސްޓީއޯ އިން ބުނީ 10 ބަސްތާ އަށް ވުރެ ގިނައިން އަލުވި ގަންނަ ނަމަ އަލުވި ބަސްތާއެއް ވިއްކާނީ 270 ރުފިޔާ އަށް އަދި ފިޔާ ބަސްތާއެއް ވިއްކާނީ 290 ރުފިޔާ އަށް ކަމަށެވެ. ގިނައިން ނަގާނަމަ ބިސް ކޭހެއް ވިއްކަން ނިންމާފައިވަނީ 290 ރުފިޔާ އަށެވެ.

ރާއްޖޭގެ ބާޒާރުގައި މިވަގުތު ފިޔާ ބަސްތާއެއް ލިބޭ އެވްރެޖު އަގަކީ ބަސްތާއެއް 360 ރުފިޔާ އެވެ. އަލުވި ބަސްތާއެއް 200 ރުފިޔާ އަށް އަދި ބިސް ކޭހެއް 340 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނީ ރޯދަ އަށް ހާއްސަކޮށްގެން ގެންނަ ބާވަތްތައް ދުރާލައި ގެންނަން ފަށާފައިވާތީ ރޯދައަށް އާންމުން ބޭނުންވާ މުދާ ލިބޭނެ ކަމަށެވެ. އަދި އެ ތަކެތީގެ އަގުތައް މައްޗަށް ނުދާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ދެއެެވެ

ރޯދަ މަހަށް ތަކެތީގެ އަގުތައް އުފުލޭތީ ރާއްޖޭގެ ބާޒާރުގައި އެފަދަ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެސްޓީއޯ އިން ގެންދަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.