އދ. ދިއްދޫ

ދިއްދޫގައި ޖޫނިއާ ކޮލެޖު ހިންގަން ހަ ފަރާތަކުން ބިޑް ހުށަހަޅައިފި

Mar 18, 2022

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް ހިންގުމަށް ހަ ފަރާތަކުން ބިޑް ހުށަހަޅައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އެކަން ޔަގީންކޮށްދިން ނަމަވެސް ބިޑް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު އެވެ.

މިކަމާއި ގުޅޭ ގޮތުން ފިނޭންސް އިން ނެރެފައިވާ އިއުލާނުގައި ވާގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުޞޫލުގެ މަތިން ކަމަށް ބުނެފައިވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ހިމަނާފައިވެއެވެ.

ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރުމަކީ ރައީސް އިބްރާހިމް މުހަންމަދް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ކޮލެޖު އެޅުމުގެ މަސައްކަތް ކުރިން ފެށުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބަޖެޓުގައިވެސް އެ މަސައްކަތް ހިމަނާފައި އޮތެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ކުރިމަތިވި އިގްތިސޯދާ ދަތިތަކުގެ ސަބަބުން އެއަހަރު އެ މަސައްކަތް ފެށޭގޮތް ނުވެ ލަސްވީ އެވެ. އެ ކޮލެޖު ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ތިން ލައްކަ ރުފިޔާ ހިމަނާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ވާހަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ 2023 ވަނަ އަހަރު ދިއްދޫގެ ޖޫނިއާ ކޮލެޖުގައި ކިޔަވައި ދިނުމަކީ ސަރުކާރުން ކުރާ އުއްމީދެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ފަށަން ނިންމާފައި ވަނީ ކަރިިކިއުލަމް ވެސް ރަނގަޅަށް ޑިވޮލޮޕްކޮށް ތަނުގެ ކޮންސެޕްޓްވެސް ޑިޒައިންކޮށް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

ދިއްދޫގައި 30،000 އަކަފޫޓްގެ ބޮޑު ބިމެއްގައި ޖޫނިއާ ކޮލެޖު އިމާރާތް ކުރުމަށް ނިންމާފައިވަނީ ކިޔަވައިދިނުމަށް ބޭނުންކުރާނެ ކްލާސްރޫމްތަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނަ ގޮތަށް ދެ ބުރިއަށެވެ. ކޮލެޖުގެ ކިޔެވުން ފަށައިގަންނައިރު ހާއްސަކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުގެ ކޯސްތައް ހިންގުމަށްވެސް ނިންމާފައިވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ.