ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖު އެޅުމަށް ހަވާލުކޮށްފައިވާ ކުންފުންޏަށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިން ހަވާލުކޮށްފި އެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު އިއުލާންކުރުމުން ހަ ފަރާތަކުން ބީލަން ހުށަހެޅި އެވެ. ބީލަން ކާމިޔާބު ކުރީ ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ހިއްކި ސަރަޙައްދުން އެކަމަށް ކަނޑައަޅާފައިވާ 30،000 އަކަފޫޓްގެ ބިމެއްގަ އެވެ. އެތަނުގައި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކިޔަވައިދިނުމަށް ބޭނުންކުރާނެ ކްލާސްރޫމްތަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، އެކޮމަޑޭޝަން ބްލޮކަކާއި، އައިސިޓީ އާއި ފުޑް ޕްރޮސެސިން އަދި ފުޑް ޓެސްޓިން ލެބެއް ހުންނަ ގޮތަށެވެ. މީގެއިތުރުން އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި އޮޑިޓޯރިއަމަކާއި، މީޓިން ރޫމްތަކާއި ލައިބްރަރީ ވެސް އެތަނުގައި ހުންނާނެ އެވެ. އަދި ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމަކާއި ނަމާދުކުރަން ހާއްސަ އޭރިއާ އެއްވެސް ހުންނާނެ އެވެ.
ކޮލެޖުގެ ކިޔެވުން ފަށައިގަންނައިރު ހާއްސަކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުގެ ކޯސްތައް ހިންގުމަށްވެސް ނިންމާފައިވެ އެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރުމަކީ ރައީސް އިބްރާހިމް މުހަންމަދް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ކޮލެޖު އެޅުމުގެ މަސައްކަތް ކުރިން ފެށުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބަޖެޓުގައިވެސް އެ މަސައްކަތް ހިމަނާފައި އޮތެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ކުރިމަތިވި އިގްތިސޯދާ ދަތިތަކުގެ ސަބަބުން އެއަހަރު އެ މަސައްކަތް ފެށޭގޮތް ނުވެ ލަސްވީ އެވެ. އެ ކޮލެޖު ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ތިން ލައްކަ ރުފިޔާ ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ވާހަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ 2023 ވަނަ އަހަރު ދިއްދޫގެ ޖޫނިއާ ކޮލެޖުގައި ކިޔަވައި ދިނުމަކީ ސަރުކާރުން ކުރާ އުއްމީދެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ފަށަން ނިންމާފައި ވަނީ ކަރިިކިއުލަމް ވެސް ރަނގަޅަށް ޑިވޮލޮޕްކޮށް ތަނުގެ ކޮންސެޕްޓްވެސް ޑިޒައިންކޮށް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއާ ކޮލެޖުތައް ހަދައި ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ.