އުރީދޫ

އުރީދޫ މަސްރޭސް މި އަހަރު ފޯރި ގަދަވާނެ

Mar 18, 2022

އުރީދޫ މަސްރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި އަހަރު ވަރަށް ފޯރިގަދަ ވާނެ އެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ މޯލްޑިވްސްއިން ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ. މި މަސްބޭނުމުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފަ އެވެ. ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާއިއެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައެވެ. މުޅި ރޯދަމަހަށް ބަހާލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

އުރީދޫ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަސްރޭސްގެ 11 ވަނަ ސީޒަން އިއުލާން ކުރީ ނުހަނު އުފަލާއެކުގަ އެވެ. އަދި މަސްރޭސް މިވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާއެކު ރަމަޟާން މަހުގެ ތެރޭގައި ގުޅުންބަދަހިކޮށް ރަގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް،" ނިޔާޒު ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ.

މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ

  • އެއްވަނަ ހޯދާ ޓީމަށް 50،000 (ފަންސާސް ހާސް) ރުފިޔާ
  • އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް) ރުފިޔާ އާއި ރަންކޯރި
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ 1 މޭ 2022 ގައެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.

ސަރުކާރު އޮފީސްތަކާ، ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުންވެސް ޓީމްތަށް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވައެވެ. މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް 2022 ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެއެވެ.