އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ހުރި ބިން ހުސްކުރުމަށް އަންގައިފި އެވެ.
ބާޖަމާލުއްދީން ހުރި ބިން މިވަގުތު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒުގެ ގޮތުގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ބާޖަމާލުއްދީން ހުރި ބިން ހުސްކުރުމަށް ސަރުކާރުން އެންގުމާ ގުޅިގެން އެތަނުގައި ހުރި ތަކެތި މިހާރު ކިޔެވުން ހުއްޓާލާފައިވާ އަރަބިއްޔާގެ އިމާރާތަށް ބަދަލުކުރަމުންދާ ކަމަށެވެ. ބާޖަމާލުއްދީންގައި މަސައްކަތް ކުރި ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ކުރާނެ ތަނެއް މިވަގުތަށް ނެތުމުން ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އިންތިހާބުތަކެއް ކުރިއަށްވެސް ހުރުމާ ގުޅިގެން އަޅުގަނޑުމެންނަށް ޖެހޭނެ ތަނެއް ހޯދަން. އެކަމަކު މިވަގުތު ކޮމިޝަންގެ މައި އިދާރާ އިން މެނޭޖްކޮށްލާނީ،" އޮފިޝަލް ވިދާޅުވި އެވެ،
ބާޖަމާލުއްދީން ބޭނުންކުރީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ގުޅޭ ތިން ސެކްޝަނެއް ހިންގުމަށާއި ކޮމިޝަންގެ ބައެއް ފައިލްތައް ރައްކާތެރިކޮށް ބެހެއްޓުމަށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ހިނގަމުން މިދާ ހަފްތާ ބަންދުގެ ތެރޭގައި ބާޖަމާލުއްދީން ހުސްކޮށް ނިންމުމަށް ކޮމިޝަނުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު ސްކޫލަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ -- އަރަބިއްޔާ ސްކޫލް އެޅުމަށް ބާ ޖަމާލުއްދީނުގެ ބިން ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެެވެ.
ޗާންދަނީ މަގުގައި ހިންގި އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުލައިފައިވާތީ އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވުމުން މިއަހަރު ސްކޫލުތައް ހުޅުވިއިރު އަރަބިއްޔާގެ ދަރިވަރުން ކިޔެވުން ފެށީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތުގަ އެވެ.