ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ރަަަށަށް ވަޑައިގެންފި އެވެ.
ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މާޗް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމުން ކެންޑިޑޭޓުން ނެރެފައިވެއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމުގެ ކެމްޕެއިން ޖަލްސާއެއް މިރޭ އެ ރަށުގައި އޮންނާނެ އެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކުރެންދޫ ކައުންސިލްގެ ރަައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިމާއު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރެކެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މާޗް މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ މާރިޗު 26 ވާ ހޮނިހިރު ދުވަހުގެ 8 އިން 3 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާރިޗު 28 ވާ ހޯމަ ދުވަހު އެވެ.
ކުރެންދޫ ކައުންސިލްގައި ހިމެނެނީ މުޅީންވެސް އެމްޑީޕީގެ މެންބަރުންނެވެ. އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް މެންބަރުން ނިސްބަތް ވަނީވެސް އެމްޑީޕީއަށެވެ.
މީގެ އިތުރުން ފ. ނިލަންދޫ އަދި ދ. މީދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންވެސް އެ ދުވަހު އޮންނާނެ އެވެ.