ޅ. ކުރެންދޫ ބޭރުން ކަނޑުން 1000 ގޯތި ދެވިދާނެ ކަމަށް ޓޫރިޒަމާއި ހައުސިންގެ ބޭނުމަށް ރާއްޖޭގައި ތަރައްގީ ކުރާ "ފްލޯޓިން ސިޓީ" ހަދާ ނެދަލެންޑްސް ޑަޗް ޑޮކްލޭންޑް ކުންފުނިން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ކުރެންދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ނެދަލެންޑްސް ކުންފުންޏަކުން މާލެ ސަރަހައްދުގައި "ފްލޯޓިން ސިޓީ" އެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކުރެންދޫ ބޭރުން ކަނޑުގައި ދިރިއުޅެވޭނެ ގޮތެއް އޮންނާނެ ތޯ އެ ކުންފުންޏާ އެމަނިކުފާނު ސުވާލު ކުރެއްވި ކަމަށާ އެކަމާއި ގުޅިގެން އެ ކުންފުނިން ކުރެހުމެއް ފޮނުއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރެންދޫ ބޭރުން އަދި 1000 ގޯތި ދެވިދާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ނެދަލެންޑްސް ކުންފުނީގައި ބުނީން ކުރެންދޫ ބޭރުގައި ދިރިއުޅެވިދާނެ ހެއްޔޭ، މާކަނޑުގައި ކުރެންދޫއާ ގުޅުވާ، ފަޅެއް ނެތަތީ. އޭނާ އެބައޮތް ދެލިކޮޕީ ކުރެހުމެއް އަޅުގަނޑަށް ފޮނުވާފައި. ކުރެންދޫ ބޭރުގައި އަދި 1000 ގޯތި ދެވިދާނެ ކަމަށް ބުނެ،"
ނަޝީދު ވިދާޅުވީ އެމަނިކުފާނު އެ ވާހަކަފުޅު ވިދާޅުވީ އެ މަސައްކަތް މާދަމާ ފަށަން ނޫން ކަމަށާ އަދި ސަރުކާރުން އެފަދަ މަޝްރޫއެއް ފެށުމަށް ރާއްވާ ނިންމާފައި އޮތުމުންވެސް ނޫން ކަމަށެވެ.
ނަމަވެސް އެމްޑީޕީ ނިކުމެ އޮތީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ކަމަށް ވިދާޅުވެ އެއްވެސް ރައްޔިތަކު ހާސްނުވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ އިންތިހާބުތައް ގެންނަނީ އެކަންކަން ކުރުމަށް ޖާގަ ހޯއްދެވުމަށް ކަމަށެވެ.
ކުރެންދޫއަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ވަގުތީ ހައްލަކީ ފްލެޓް އެޅުން ކަމަށާ އެ މަސައްކަތް ފަށާނީ ކޮން އިރަކުތޯ ނިންމަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.