އިލެކްޝަންސް ކޮމިޝަން

ޕީޕީއެމް އާއި ޖޭޕީއަށް ފައިސާ ދޫކޮށްދޭން އެދިއްޖެ

އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެ ދެ ޕާޓީއަށް ފައިސާ ދޫކޮށްދޭން އެދުނީ މިދިޔަ ހަފްތާގައި ކަމަށެވެ. އެ ދެ ޕާޓީން ހުށައަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހުށައަޅާފައިވާ ކަމަަށް ފުއާދު ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބެނީ އެމްޑީޕީ އާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެވެ. މީގެތެރެއިން ޕީޕީއެމް ފިޔަވާ ދެން އޮތް ތިން ޕާޓީ އަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކެކެވެ.

ފުއާދު ވިދާޅުވީ އެމްޑީޕީ އާއި އަދާލަތަށް ފައިސާ ދޫކޮށްދޭން އެދޭނީ އެެ ދެ ޕާޓީން ހުށައަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތައް ހުށައެޅުމުން ކަމަށެވެ.

ޕާޓީތަކަށް ފައިސާ ލިބޭ އަދަދާއި މެންބަރުންގެ އަދަދު

  • އެމްޑީޕީ - 15،024،009.96 ރުފިޔާ | 54،660 މެންބަރުން
  • ޕީޕީއެމް - 9،410،483.51 ރުފިޔާ | 34،237 މެންބަރުން
  • ޖޭޕީ - 5،526،669.74 ރުފިޔާ | 20،107 މެންބަރުން
  • އަދާލަތު ޕާޓީ - 2،900،903.79 | 10،554 މެންބަރުން

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ.