ލައިފްސްޓައިލް

މިސް.ވާލްޑް ރަނަރަޕް ޝްރީ: ބައްޔަސް ހިތްވަރުގަދަ!

މިސް. ވާލްޑް 2021 ދާދިފަހުން ޕުއެޓޯ ރިކޯގައި ބާއްވާފައިވާއިރު މި މުބާރާތުން މިފަހަރު އެއްވަނަ ލިބި މިސް.ވޯލްޑްގެ ފަޚުރުވެރި ތާޖް ބޮލުގައި އެޅުމުގެ ޝަރަފު ލިބިފައިވަނީ ޕޮލެންޑްގެ ރީތީގެ ރާނީ ކެރޮލީނާ ބެލޯސްކާ އަށެވެ. މި މުބާރާތުގެ ރަނަރަޕަށް ހޮވިފައިވަނީ އެމެރިކާ ތަމްސީލުކުރި މިސް. އެމެރިކާ ޝްރީ ސައިނީ އެވެ.

ޝްރީ އަކީ އެމެރިކާގައި ވަޒަންވެރިވެފައިވާ އިންޑިއާ ދަރިކޮޅުގެ އާއިލާގެ ކުއްޖެކެވެ. އޭނާގެ މައިންބަފައިން އޭނާ ގޮވައިގެން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރިއިރު ޝްރީގެ އުމުރުން ފަސް އަހަރެވެ.

ޝްރީ އަކީ މިފަހަރުގެ މިސް.ވޯލްޑް މުބާރާތުގައި ބައިވެރިވި ރާނީންތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ރާނީއަށް ވެފައިވަނީ ޚާއްސަ ސަބަބުތަކެއް ހުރީމަ އެވެ.

ސްޓޭޖުމަތީގައި ފަރި ހިނިތުންވުމެއްގައި ހުއްޓާ ފެނުނަސް ހަގީގަތުގައި ޝްރީއަކީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ވަރަށް ބަލި މީހެކެވެ. ހިތުގެ ބޮޑު ބައްޔެއް ހުރުމުގެ އިތުރުން އޭނާއަކީ ކުޑައިރު ދިމާވި އެކްސިޑެންޓެއްގައި މޫނު ވަރަށް ބޮޑަށް ފިހިފައި ހުރި މީހެއް ވެސް މެއެވެ.

"ހިތުގެ ބަލި މީހަކަށް ވެފައި މޫނު ވަރަށް ބޮޑަށް ފިހުނު މީހެއްގެ ހައިސިއްޔަތުން އަހަރެން މި ތަމްސީލުކުރީ ދުނިޔޭގައި އެކި ކަހަލަ ނުކުޅެންދުންތައް ތަހައްމަލު ކުރަމުންދާ އެންމެން،" ޕީޓީއައި އަށް ދިން އިންޓަވިއު އެއްގައި ޝްރީ ބުނެފައި ވެއެވެ.

މިސް. އެމެރިކާ މުބާރާތުގައި ޝްރީ ބައިވެރިވެގެން އުޅުނުއިރު ވެސް އެއް ދުވަހަކު އޭނާ ބަލިވެގެން ވެއްޓި ފަރުވާ ދީފައި ވެއެވެ.

ޝްރީގެ ހިތުގެ މައްސަލައިގެ ސަބަބުން އުމުރުން އެންމެ 12 އަހަރުގައި ޕޭސްމޭކާ ލައްވާފައި ވެއެވެ. އަދި އޭރު ޑޮކްޓަރުން އޭނާ ކައިރީ ބުނެފައިވަނީ ދުވަހަކުވެސް ނަށާ ނޫޅެވޭނެ ކަމަށެވެ. ނަމަވެސް ޑޮކްޓަރުންގެ އެ ބުނުމަކީ ޝްރީގެ ހިތް މަރުވާ ވަރުގެ ކަމަކަށް ނުހެދި އެވެ.

މިފަހަރުގެ މިސް.ވޯލްޑްގައި އިންޑިއާއިން ބައިވެރިވީ މަނާސާ ވަރަނާސީ ވަނީ ޓޮޕް 13 އާ ހަމައިން ކަޓާފަ އެވެ.