ވިޔަފާރި

ޗައިނާގައި ރާއްޖޭގެ ޓްރޭޑް އެންޑް ޓޫރިޒަމް އޮފީހެއް ގާއިމު ކުރަން ނިންމައިފި

ޗައިނާގައި ރާއްޖޭގެ ޓްރޭޑް އެންޑް ޓޫރިޒަމް އޮފީހެއް ގާއިމް ކުރަން ނިންމައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. މިއަދު ޖެން ހޮޓަލުގައި ބޭއްވި ދިވެހި ސަރުކާރާއި ޗައިނާގެ ޔުނާން ޕްރޮވިންސް އާއި ދެމެދު ކޯޕަރޭޝަން ފްރޭމް ވޯކްގެ ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރަންސް ގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މިއަހަރު ޖޫންމަހު ޗައިނާގައި ބޭއްވި ސައުތު އޭޝިއާ ޗައިނާ އެކްސްޕޯ އަދި ކުންމިން ފެއާއަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަތް އިރު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ޔޫނާންގައި ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރި ދައްކުވާދޭ އޮފީހެއް ގާއިމް ކުރުން އެމަކުފާނު އެދިވަޑައިގަނެފައިވާ ކަމަށެވެ.

އެގޮތުން މިއަދު ޔޫނާން ޕްރޮވިންސްއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އެޕްރޮވިންސްގައި ރާއްޖޭގެ ޓްރޭޑް އެންޑް ޓޫރިޒަމް އޮފީހެއް ގާއިމް ކުރަން ދެގައުމުން އެއްބަސްވި ކަމަށް ސައީދު ވިދާޅުވި އެވެ.

"ޔޫނާން އަކީ އެންމެ ގިނަ ޗައިނާ އިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އަދި އެންމެ ގިނަ އެއާލައިންތައް އޮޕަރޭޓުކުރާ އެއް ޕްރޮވިންސް. އެގޮތުން ފުރަތަމަ ފަހަރަށް މިފަދަ އޮފީހެއް ގާއިމް ކުރުން ވެގެންދާނީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ލިބިގެން ދިޔަ ބޮޑު ކުރި އެރުމެއް އަދި އުފަލަކަށް،" ސައީދު ވިދާޅުވި އެވެ.

ޗައިނާގެ ޔޫނާންގައި ގާއިމް ކުރެވޭނެ އޮފީހުގައި ކުރާނެ ބައެއް މަސައްކަތްތަކަށް އަލި އަޅުވާލައި މިނިސްޓަރު ވިދާޅުވީ ޔޫނާންއަކީ ގިނަ އަދަދަކަށް ދިވެހި ވިޔަފާރިވެރިން ދާ ޕްރޮވިންސްއެއް ކަމަށާއި އެގޮތުން ޓްރޭޑް އެންޑް ޓޫރިޒަމް އޮފީހުގެ ސަބަބުން އެފަރާތްތަކާއި ޗައިނާގެ ވިޔަފާރިވެރިންނާއި ގުޅުވައިދީ ބައްދަލުވުން ބޭއްވޭނެ ކަމަށެވެ. އަދި ޔޫނާންއާއިން ދިވެހި ރާއްޖެއަށް ގިނަ ފްލައިޓުތައް އޮޕަރޭޓުކޮށް ފަތުރުވެރިން އަންނަ އިރު އެ އޮފީހުގެ ޒަރިއްޔާއިން ޓޫރިޒަމަށް ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ގޮތުގައި މި މި އޮފީސް ގާއިމް ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރާނެ އެވެ. އަދި އެގައުމާއި އެކު އެއްބަސް ވެވުނު ގޮތުގައި އަންނަ އަހަރު ޖޫންއަށް އޮފީސް ހުޅުވި މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއާ ޗައިނާ ސަރުކާރުން މިއަދު ބޭއްވި މަޝްވަރާއަށް ފަހު ވަނީ ޔޫއާންއާ ރާއްޖެ ދެމެދު އިގްތިސޯދާއި ވިޔަފާރިއާ ބެހޭ ކުރިޔަށް ދިއުމާބެ ކޮންސެޕްޓް ޕޭޕަރެއްގައި ސޮއިކޮށްފައެވެ. އޭގެ ދަށުން ޗައިނާއާ ރާއްޖެ ދެމެދު ކުރާ ވިޔަފާރިއާ ތަރައްގީގެ މަސައްކަތް ކުރިޔަށް ދާނެ ގޮތުގެ ގޮތް އެކުލެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.