ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ރަނގަޅުކުރަން ތަކުރާރުކޮށް އަންގާފައި ހުންނަ އެތައް ކަމެއް އިސްލާހުކޮށްފައި ނުހުންނަ މައްސަލަ އެޗްއާރްސީއެމުން ފެންމަތިކޮށްފި އެވެ.
އެޗްއާރްސީއެމް އިން މައްސަލަތައް އަލުން ފެންމަތި ކުރީ މިމަހުގެ 6 އިން 8 އަށް ކޮމިޝަންގެ ޓީމެއް ގުރައިދޫ މަރުކަޒަށް ޒިޔާރަތްކުރުމަށްފަހު ކޮމިޝަނަށް ފާހަގަކުރެވުނު މައްސަލަތައް ހިމަނައިގެން އާންމުކުރި ބަޔާނެއްގަ އެވެ.
ގުރައިދޫ މަރުކަޒުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވަނީ މަރުކަޒުގައި ތިބޭ މީހުންނަށް ދާއިމީ ގޮތަކަށް ފަރުވާ ދިނުމަށް ނަފްސާނީ ޑޮކްޓަރެއް ނުވަތަ ނަފްސާނީ ބަލިތަކަށް ހާއްސަ ނަރުހެއް ނެތް މައްސަލަ އެވެ.
ކޮމިޝަނުން ބުނާ ގޮތުގައި އެއީ 2013 ވަނަ އަހަރުން ފެށިގެން ހައްލުކުރުމަށް ކޮމިޝަނުން އަންގަމުންދާ މައްސަލަ އެކެވެ. އެކަމަކު މިއަދާ ހަމައަށްވެސް މަރުކަޒުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނެތް ކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިޖީއެމްއެޗްގެ ސެންޓާ ފޮ މެންޓަލް ހެލްތުން، މަރުކަޒަށް ޒިޔާރަތްކޮށް ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 20 މީހުން ބަލާފައިވާ ކަމަށް ބުންޏެވެ.
އެޗްއާރްސީއެމް އިން ބުނީ އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން މަހަކު އެއް ފަހަރު ގުރައިދޫ މަރުކަޒަށް ޒިޔާރާތްކޮށް ބަލި މީހުން ބެލުމަށް މަރުކަޒުން ހުށަހެޅި ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން ކޮންމެ ދެމަހަކުން އެއް ފަހަރު ބަލި މީހުން ބެލުމަށް އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުން ގުރައިދޫ މަރުކަޒަށް ޒިޔާރަތް ކުރުމަށް ނިންމި އެވެ. އެކަމަކު އެންމެ ފަހުން އެގޮތަށް އައިޖީއެމްއެޗްގެ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުން ގުރައިދޫ މަރުކަޒަށް ޒިޔާރާތް ކުރީ މިދިޔަ ޑިސެމްބަރު މަހު ކަމަށް ކޮމިޝަނުން ބުނެ އެވެ.
ނަފްސާނީ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ގުރައިދޫ މަރުކަޒަށް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ ޖެންޑާ މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށް ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވެ އެވެ.
އެޗްއާރްސީއެމް އިން ބުނީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ވެސް ތަނުގައި އެކުލަވާލާފައި ނުވާ ކަމަށެވެ. ގުރައިދޫ މަރުކަޒުގައި އެޑްމިޓް ކުރެވޭ ބަލި މީހުންނާ މެދު އަމަލުކުރަންޖެހޭ ގޮތުގެ އަތްމަތީ ފޮތެއް ކޮމިޝަންގެ ހުށަހެޅުމަކަށް 2011 ވަނަ އަހަރު އެކުލަވާލި އެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން އެކަމުގައި މިއަދާ ހަމައަށްވެސް ގޮތްތަކެއް ނިންމާފައި ނުވާ މައްސަލަވެސް ކޮމިޝަނުން ފެންމަތިކޮށްފައިވެ އެވެ.
ގުރައިދޫ މަރުކަޒުގެ ގޯތިތެރެ މޮނިޓާ ކުރުމަށް ސީސީޓީވީ ކެމަރާ ހަރުކޮށްފައިވީ ނަމަވެސް ވޯޑުތަކުގެ އެތެރެ ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައި ނުވާތީ، ވޯޑުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އެ މައްސަލަ ހައްލުކުރުމަށް އިތުރު ސީސީޓީވީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް އިއުލާނުކޮށް މިހާރު ބިޑްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.
ގުރައިދޫ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، މަސައްކަތާ ގުޅޭ ދާއިރާތަކުން ތަމްރީނު ލިބިފައި ނުވާ މައްސަލަ ވެސް ކޮޮމިޝަނުން ފާހަގަކުރެ އެވެ. އެކަމުގެ ސަބަބުން މަރުކަޒުން ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ އަޅާލުމާއި، އެހީތެރިކަން ފޯރުކޮށްދެވޭ ކަމަކަށް ކޮމިޝަނުން ގަބޫލެއް ވެސް ނުކުރެ އެވެ. މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށް ފައިދާ ހުރި ކާނާ އެކަށީގެންވާ ގޮތުގައި ފޯރުކޮށްނުދެވޭ މައްސަލަ ވެސް ކޮމިޝަނުން ފެންމަތިކޮށްފައިވެ އެވެ. އެކަމާ ގުޅިގެން މަރުކަޒުގެ މެނޫތައް ދިރާސާކޮށް ނިއުޓްރިޝަނިސްޓުންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި ރޯދަ މަހުގެ ކުރިން މެނޫތައް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ޖެންޑާ މިނިސްޓްރީން ދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ.
މީގެ އިތުރުން ގުރައިދޫ މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދަށް ބަލާއިރު ކެއާ ވޯކަރުންގެ އަދަދު މަދުކަމާއި އަދި ބަލި މީހުން ބެލެހެއްޓުމަށް ބައެއް ވޯޑުތަކުގައި ޝިފްޓެއްގައި އެކެއް ނުވަތަ ދެ ކެއާ ވޯކަރުން އެކަނި މަސައްކަތް ކުރާ މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ. ބަލި މީހުން ބެލެހެއްޓުމަށް މަރުކަޒަށް އިތުރު މުވައްޒަފުން ހޯދަން 2008 ވަނަ އަހަރުން ފެށިގެން ކޮމިޝަނުން އަންގަމުންދާ ކމަަށްވެސް ބުންޏެވެ. އިތުރު ކެއާ ވޯކަރުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީއާ ހަވާލާދީ އެޗްއާރްސީއެމުން ބުނެފައިވެ އެވެ.