އިސްލާމިކް މިނިސްޓްރީ

ގުރައިދޫ މަރުކަޒަށް އިސްލާމިކް ޗެރިޓީ ފަންޑުން 32 އެނދު ހަދިޔާކޮށްފި

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިސްލާމިކް ޗެރިޓީ ފަންޑުން 32 އެނދު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިއަދު ހަދިޔާކުރި އެނދުތަކަކީ ޒަމާނީ މެޑިކަލް އެނދުތަކެކެވެ. މި އެނދުތަކުގެ ޖުމްލަ އަގަކީ 504،000 ރުފިޔާ އެވެ.

އެނދުތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދީނީ ކަންކަމަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަރަށް ގިނަ މީހުން ހައިރާތު ފައިސާ ހަވާލުކުރާކަން ފާހަގަކުރައްވާފަ އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު އެހީތެރިކަން ދެވިގެން މިދަނީ މިދެންނެވި ހައިރާތުގެ ތެރެއިން،" ޝަހީމް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ ހައިރާތާއި ސަދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް އެދިވަޑައިގެންފަ އެވެ.

"ނިކަމެތިންނަށާއި ޤުރުއާން ކުލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ޤާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ހަރަދު ކުރުމަށް. މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.