އަހުމަދު މަހްލޫފު

އެވޯޑް ހަފްލާއަކީ އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓް: މަހުލޫފް

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ހަރަދު ކުޑަކޮށް ބޭއްވި އެންމެ ބޮޑު އިވެންޓް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ބޭއްވުމަށް 30 މިިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ. މި އިވެންޓަށް އެ އަދަދަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައިވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެއާއެކު ކޮވިޑްގެ ސަބަބުން އަދި ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެހާ ބޮޑު ހަރަދެއް ކޮށްގެން އެވޯޑް ހަފްލާ ބާއްވާފައިވާތީ ގިނަ ބައެއްގެ ނުރުހުން ޔޫތު މިނިސްޓްރީއާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ހަރަދު ކުޑަކޮށް ބޭއްވި އެންމެ ބޮޑު އިވެންޓް ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު ކުޅިވަރުގެ އެންމެ ބޮޑު އިވެންޓް ކަމަށް ވިދާޅުވެ ފާޑުކިޔުންތަކަށް ރައްދު ދެއްވިއެވެ. މަހުލޫފް ވިދާޅުވީ މި އިވެންޓާއެކު ރާއްޖެ އިތުރަށް އިޝްތިހާރު ވެގެން ދިޔަ ކަމަށެވެ.

ނަމަވެސް އެވޯޑަށް ހަރަދުކުރި ފައިސާގެ އަދަދެއް ވިދާޅެއް ނުވިއެވެ. ވިދާޅުވީ 30 މިލިއަން ރުފިޔާއިން މީގެ އެތައް އެވޯޑް ހަފްލާއެއް ބޭއްވޭނެ ކަމަށެވެ.

".. 30 މިލިއަން ރުފިޔާ އަށް އަޅުގަނޑުމެން މީގެ ހަ އިވެންޓް ބާއްވާނަން،" މަހުލޫފް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި ކުޅިވަރުގެ އެންމެ ބޮޑު ހަފްލާއެވެ. އެ ހަފްލާއަށް އެކި ގައުމުތަކުގެ ކުޅިވަރު މިނިސްޓަރުންނާއި ކުޅިވަރުގެ ލެޖެންޑުން ބައިވެރިވެވަޑައިގަތެވެ.

އެ ހަފްލާގައި ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔާ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއާ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއާ ވަނީ ހޮވާފައެވެ. އަދި މޯސްޓް ޕްރޮމިސިން އެތުލީޓް އޮފް ދި އިއާ އަންހެން އަދި ފިރިހެން އެތުލީޓްވެސް ވަނީ ހޮވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅިވަރު ހަރަކާތްތަކުން ދެ ޖިންސު ވަކީން އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ.

އެގޮތުން ފުޓްބޯޅަ އާއި ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އާއި ބިލިއާޑް އާއި ޓެނިސް އާއި ސްވިމިން އާއި ޓޭބަލް ޓެނިސް އާއި ހޭންޑްބޯލް އާއި ކެރޮމް އާއި ބެޑްމިންޓަން އާއި އެތުލެޓިކްސް އާއި ޗެސް އަދި ޝޫޓިން އިން އެންމެ މޮޅު އަންހެން އަދި ފިރިހެން ކުޅުންތެރިން ވަނީ ހޮވާފައެވެ.

މި ހަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.