ނައިޖީރިއާ

ނައިޖީރިޔާގައި ގޭސް ލޮރީއެއް ގޮވައި 100 މީހުން މަރުވެއްޖެ

ނައިޖީރިޔާގައި އިއްޔެ ގޭސް ލޮރީއެއް ގޮވައި 100 މީހުން މަރުވެއްޖެ އެވެ.

ނައިޖީރޔާގެ ރެޑްކްރޮސް ބުނާ ގޮތުން މިހާދިސާގައި މަރުވެފައިވަނީ ކްރިސްމަސް ފާހަގަ ކުރުމަށް ކައްކަން އުޅުނު ކައްކާއިން ތަކެކެވެ. މި ހާދިސާ ހިނގާފައިވަނީ އަނަމްބަރާ ސްޓޭޓްގެ ނޫވީ އަވަށުގަ އެވެ. މި ލޮރީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ތިން ގަޑިއިރު މަސައްކަތް ކޮށްގެން ކަމަށް ހަބަރުތައް ބުނެ އެވެ.

މިހާދިސާގައި އެތައް ބަޔަކުވަނީ ފިހިފައެވެ. އެމީހުންނަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިހާދިސާ ހިނގި މަންޒަރު ދުށް މީހަކު ބުނީ ލޮރީގައި އަލިފާން ރޯވަން މެދުވެރިވީ ގޭސް ފިނިވަންދެން މަޑުނުކޮށް ކައްކާއިންތައް ގޭސް ދޫކުރަން ފެށުމުންނެވެ. މިހާދިސާގައި ސަލާމަތްވި މީހަކު ބުނީ "އަލިފާން ގަނޑުގައި މީހުންތައް އަނދަމުން ދިޔައީ ޖަނަވާރުތަކެއް" ފަދައިން ކަމަށެވެ.

ރައީސް މުހައްމަދު ބުހާރީ ވިދާޅުވީ ސިނާއީ ހާދިސާއެއްގައި އެތައް ބަޔަކު މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމަ އެއް ކަމަށެވެ. ރައީސް ވަނީ މަރުވި މީހުންގެ އާއިލާ އަށް ތައުޒިޔާ ކިޔާފަ އެވެ.

ހަރުދަނާ އުސޫލުތަކާއި ގަވާއިދެއް އަދި އިންފްރާސްޓްރަކްޗާ އެއް ނެތުމުގެ ސަބަބުން ނައިޖީރިޔާގެ މަގުތަކުގައި ތެޔޮ އެކްސްޕޯޓްކުރާ ލޮރީތައް ގޮވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ނައިޖީރިޔާއަކީ އެފްރިކާގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުވެސް މެއެވެ.

މީގެ ދެ ހަފުތާ ކުރިން ވެސް ވެރިރަށް ލާގޯސްގެ ބްރިޖަކުން ވެއްޓި ގޭސް ލޮރީއެއް ގޮވައި އެތައް ގަޑިއިރަކަށް ޓްރެފިކް ތޮއްޖެހުނެވެ.