އަބްދުއްރަހީމް އަބްދުﷲ

"އިންޑިއާ އައުޓް" ކެމްޕެއިން ފެށީ ނުރައްކާ އެނގި ތިބެ: އަދުރޭ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފެއްޓެވީ އެކަމުގެ ނުރައްކާތެރިކަން އެނގިވަޑައިގެން ހުންނަވާ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފާދިއްޕޮޅު ނައިފަރުގައި އޮތް "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ވަރަށް ނުރައްކާތެރި ކެމްޕެއިނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތަކީ ހަގީގަތުގައިވެސް ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ކުރައްވާތީ އެމަނިކުފާނަށް އެކި ގޮތްގޮތުން ނުރައްކާ ކުރަން މަސައްކަތް ކުރާނެ ކަމަށާ ނަމަވެސް އެކަމަށް ބެއްލެވުމެއް ނެތި ރައީސް ޔާމީން މަސައްކަތް ފެއްޓެވީ އެމަނިކުފާނަށް އޮތް ނުރައްކަލަށް ވުރެ ބޮޑު ނުރައްކަލެއް ދިވެހި ގައުމާއި ރައްޔިތުންނަށް އޮތުމުން ކަމަށެވެ. އެއީ ދިވެހީންގެ މިނިވަންކަން ގެއްލި އިސްލާމްދީނުގެ ނިއުމަތް ގެއްލިދާނެ ކަމުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ކުރައްވާ މަސައްކަތުން ގައުމަށް ލިބެނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށްވެސް ރައްދު ދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ފ އަތޮޅުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގަން މަސައްކަތް ކުރެއްވި މަޝްރޫއު ހުއްޓުވީ ދޮގު ވާހަކަތައް ފަތުރައިގެން ކަމަށެވެ. އަދި ވެރިކަން ގެއްލިވަޑައިގެން ދުވަހު މުޅި ގައުމުގައި ހުޅުޖަހާ އެތައް ގެއްލުންތަކެއް ދެއްވީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކަމަށެވެ.

ޓޫރިޒަމް ބޮއިކޮޓް ކުރައްވަން ގޮވާލައްވާ ރާއްޖޭގެެ އިގްތިސާދަށް ގެއްލުން ދެއްވީ ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީން ކަމަށެވެ. އެފަދަ ބޭފުޅަކު ނިކުންނަވާ ރައީސް ޔާމީން ގައުމަށް ދެއްވަނީ އެންމެ ބޮޑު ގެއްލުން ކަަމަށް ވިދާޅުވާން ލަދު ގަންނަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށިދަނޑު ގެއްލުނީމަ ދެން ނިކުމެ ގޮވާ މޮޔަ ވާހަކަތަކެއް ރައްޔިތުން ގަބޫލެއް ނުކުރާނެ. އަމިއްލަ ޕާޓީގަނޑު ތިޔޮއް ގެއްލެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.