ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރު: ގަސްދު މަރު ސާބިތުކުރަން ހެކިބަސް ނަގަން ފަށައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދާ ދެކޮޅަށް ހެކިބަސް ނަގަން ފަށައިފި އެވެ.

ކްރިމިނަލް ކޯޓުގައި އަހަރެއް ފަހުން މިއަދު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، މައްސަލަ ބައްލަވަމުން އައި ގާޒީ ވަނީ ބަދަލުވެފަ އެވެ.

އަދުހަމް ކުރިން ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އަދުހަމް ބުނެފައިވަނީ އޭނާ އެކަން ކޮށްފައިވަނީ ގަސްދުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިން މައްސަލަ ބެއްލި ގާޒީ އިސްމާއީލް ރަޝީދު ނިންމެވީ، ދައުލަތުން އެދިފައިވާ ގޮތަށް ގަސްދު މަރު ސާބިތުކުރުމަށް ހެކިބަސް ނެގުމަށެވެ.

އޭގެ ފަހުން މިއަދުގެ އަޑުއެހުމުގައި ވެސް އަދުހަމް ބުނެފައިވަނީ ގާސިމް މަރުވީ އޭނާގެ "އަތުން" ކަމަށްވީ ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. އިއުތިރާފް ވެއްޖެ ނަމަ އަދަބަށް ލުޔެއް ލިބޭނެތޯ އާއި މައްސަލަ އަވަހަށް ނިންމަވައި ދެއްވުމަށް ވެސް އެދުނެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މައްސަލައިގެ ޝަރީއަތް ފެށޭ ހިސާބުން ވެސް ކުށަށް އިއުތިރާފް ވެވޭނެ ކަމަށެވެ. އެކަމަކު މި މަރުހަލާގައި އަދަބު ލުއި ކޮށްނުދެވޭނެ ކަމަށެވެ. އަދަބަށް ލުޔެއް ލިބޭނީ އިބްތިދާއީ މަރުހަލާގައި އިއުތުރާފް ވުމުން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އަދި ނިންމެވީ ކުރިން މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން އަދުހަމްގެ މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް މިއަދުގެ އަޑުއެހުމަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިޔެއް ވަނީ ހާޒިރުކޮށްފަ އެވެ.

އެގޮތުން ދެ ފުލުހަކާއި އިތުރު ހެއްކެއް ހާޒިރުކުރި އެވެ. ގާސިމްގެ ހަށިގަނޑު މޮނީޓާކުރި ޕޮލިސް ސާޖަންޓް ހުސައިން ފަރުހާން ހެކިބަސް ދެއްވަމުން ވިދާޅުވީ ގާސިމްގެ ކަރުގެ ވައަތް ފަރާތަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި ދެ އަތްތިލައަށާއި އިނގިލިތައް އެކި ވަރަށް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

ދެ ފުލުހުން ކައިރީގައި ދިފާއީ ވަކީލް ރުކްޝާނާ އެއްސެވީ، ސީން އިން ފެނުނު ކަންކަމަށް ބަލާއިރު އެއީ ގަސްދުގައި ކޮށްފައިވާ ކަމެއްކަން އެނގޭތޯ އެވެ. ހެކިވެރިން ވިދާޅުވީ އެމީހުން އެތަނަށް ގޮސް ސީން މޮނީޓާކުރި ބައެއްގެ ހައިސިއްޔަތުން އެކަން ފާހަގަ ނުވާ ކަމަށެވެ.

ދެ ފުލުހުންނަށްފަހު ތިންވަނަ ހެކިވެރިޔާގެ ހެކިބަސް ނަގައިފައި ވަނީ ސިއްރުންނެވެ. އެ ހެކިވެރިޔާ އަކީ ކުރިން ކުޑަ ކުއްޖެއް ނަމަވެސް މިހާރު 18 އަހަރު ފުރިފައިވާ ހެކިވެރިއެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ހެކިވެރިޔާގެ ހެކިބަސް ނެގުން ސިއްރުކުރީ ހެކިވެރިޔާ އަމިއްލަ އަށް އެދުމުންނެވެ.

ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގެ ތާވަލެއް ވެސް ގާޒީ ވަނީ އެކުލަވައިލައްވާފަ އެވެ. އެގޮތުން ހެކިބަސް ނެގުމަށް އަންނަ މަހު ހަތަރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

މި މައްސަލައިގެ ތާވަލު

  • އޭޕްރީލް 5 - 11:00
  • އޭޕްރީލް 11 - 10:00
  • އޭޕްރީލް 13 - 10:00
  • އޭޕްރީލް 14 - 11:00

ކޮންމެ ދުވަހަކު ވެސް ތިން ހެކިވެރިން ކޯޓަށް ހާޒިރުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ހެކިވެރިން ހާޒިރު ނުކުރެވެއްޖެ ނަމަ ދައުލަތަށް އިތުރު ފުރުސަތު ނުދެއްވާނެ ކަމަށާއި ހަތް ދުވަސްތެރޭ ހާޒިރުކުރާނެ ހެކިން ކޯޓަށް ހުށަހެޅުމަށް ގާޒީ ވަނީ ދައުލަތަށް އަންގަވާފަ އެވެ.

އަދުހަމްގެ ފަރާތުން މިއަދު އެދިފައިވަނީ ހުރިހާ ފަރާތްތަކެއް ކޯޓަށް ހާޒިރުކޮށްގެން އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ. ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުންތައް ކުރިއަށް ދާނީ ހުރިހާ ފަރާތަކުން ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ. އަދި ހެކިބަސް ނަގައި ނިމުމުން މައްސަލައިގެ އިތުރު ތާވަލެއް ކަނޑައަޅާނެ ކަމުގައި ވިދާޅުވި އެވެ.

"ޝަރީއަތުން ނިންމާފައިވަނީ މި މައްސަލަ ވަރަށް އަވަހަށް ނިންމުމަށް. ޝަރީއަތުގެ ވަގުތު ބޭކާރުވާފަދަ އެއްވެސް ކަމެއް ހިނގައިގެން ނުވާނެ،" ގާޒީ ވިދާޅުވި އެވެ.

ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ ވަޅިއަކުން ހަމަލާ ދީގެންނެވެ.