ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރު: ޑޮކްޓަރުގެ ހެކިބަސް ނުނެގިފައި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި މެޑިކޯ ލީގަލް ރިޕޯޓާއި ޑެތް ސަމަރީ ރިޕޯޓާ ގުޅޭގޮތުން ހެކިބަސް ނެގުމަށް ހެލްތު މިނިސްޓްރީ މެދުވެރިކޮށް އިންތިޒާމްތައް ހަމަނުޖެހޭ ކަމަށް ދައުލަތުން ބުނެފި އެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ތިން ހެއްކެއް ހެކިބަސް ނެގުމުގެ ބައެވެ.

ހެކިބަސް ދެމުން އެ ސަރަހައްދު ބަލައި ފާސްކުރި އޮފިސަރު ބުނީ ކުރިކީލަމަގު ބަލައި ފާސްކުރަމުން ދިޔައިރު ގަސްތަކެއްގެ ތެރޭ ހުރި ވަޅުގަނޑަކުން ދިގުމިނުގައި 12 އިންޗި ހުރި ވަޅިއެއް ފެނިފައިވާ ކަމަށެވެ. އެވަޅީގެ ބޭރުފުށުން އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށް ބުންޏެވެ.

މި ވަޅިން ތިން މީހެއްގެ ޑީއެންއޭ ފެނުނުކަމަށް ޑީއެންއޭ ތަހުލީލުކުރި އޮފިސަރު ވަނީ ހެކިބަސް ދީފަ އެވެ. އެގޮތުން އޭގެއިން ގާސިމް އަދި އަދުހަމްގެ އިތުރުން ކާކުކަން ނޭންގޭ ތިންވަނަ މީހެއްގެ ޑީއެންއޭ ފެނުނުކަމަށް ބުންޏެވެ. މީގެ އިތުރުން ގާސިމް ދުއްވި ކާރުންނާއި އެ ސަރަހައްދުން ގިނަ ސާމްޕަލްތަކެއް ނެގި ކަމަށް ވަނީ ހެކިބަސް ދީފަ އެވެ.

މި މައްސަލައިގައި އަޅައިކިޔަން ބޭނުންކުރި އަދުހަމްގެ ރިފަރެންސް ސާމްޕަލްއަކީ އެހެން މައްސަލައެއްގައި ނަގައިފައިވާ ސާމްޕަލް އެއްކަން ވެސް އޭނާ ފާހަގަކުރި އެވެ. އެގޮތުން މި މައްސަލައިގައި ބޭނުންކޮށްފައި ވަނީ ކުރިން ފޭރުމުގެ މައްސަލައެއްގައި ފުލުހުން ނަގައިފައިވާ ސާމްޕަލްއެކެވެ.

މިއަދުގެ އަޑުއެހުމުގައި ވީޑިއޯ އެންޑް އިމޭޖް އެނަލިލިސް ހެދި އޮދިސަރު ވެސް ވަނީ ހެކިބަސް ދީފަ އެވެ. އެގޮތުން އެދުވަހު އަދުހަމް އުޅުނު ތަންތަނާއި ކުރި ކަންކަން އެނގޭ ބައިވަރު ސީސީޓީވީ ފުޓޭޖްތަކެއް ތަހުލީލުކޮށްފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން އަދުހަމް މާލެއާއި ހުޅުމާލޭގައި ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ވަނީ ހެކިބަސް ދީފަ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިޔެއްގެ ހެކިބަސް އަދި ނުނެގި އެބަ އޮތެވެ. އެއީ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަހާއި، އާންމު މީހެއްގެ އިތުރުން ފުލުސް އޮފިސަރެކެވެ. މީގެ ތެރެއިން މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ތައްޔާރުކުރި ޑޮކްޓަރު މިވަގުތު ރާއްޖޭގައި ނެތުމުން އޭނާގެ ބަދަލުގައި އެހެން ޑޮކްޓަރަކު ކޯޓަށް ހާޒިރުކުރުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ދައުލަތުން ކުރިން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ވަކީލް އިބްރާހިމް ނާސިހް މިއަދު ވިދާޅުވީ އަދިވެސް އެ އިންތިޒާމް ހަމަނުޖެހޭ ކަމަށާއި، ޑޮކްޓަރުގެ ހެކިބަސް ވަރަށް މުހިންމު ކަމަށެވެ.

މި މައްސަލައިގައި މާދަމާ ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކުރި ނަމަވެސް މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. އާންމު މީހާގެ ހެކިބަސް ނަގަން މީގެ ކުރީގެ އަޑުއެހުމެއްގައި މަސައްކަތްކުރި ނަމަވެސް އޭނާ ހާޒިރުކުރެވިފައެއް ނުވެ އެވެ.

ގާސިމް މަރުވީ އަދުހަމްގެ ސަބަބުންކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. އެކަމަކު އެއީ އޭނާ އެކަން ކުރުމުގެ ނިޔަތުގައި އަދި ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ދައުލަތުން އޭނާ އާ ދެކޮޅަށް މިހާރު ހެކިބަސް ނަގަމުން ދަނީ އޭނާގެ މައްޗަށް ގަސްދު މަރު ސާބިތުކުރުމަށެވެ. ގާސިމް މަރާލައިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.