ގާސިމް ހަސަންގެ މަރު

ގާސިމްގެ މަރު: ހެކިބަސް ނަގާ ނިންމާލައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ހެކިބަސް ނަގާ މިއަދު ނިންމާލައިފި އެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެއްކެއްގެ ހެކިބަސް ނެގުމެވެ. ހެކިބަސް ދީފައި ވަނީ ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތް ސަމަރީ ތައްޔާރުކުރި ޑޮކްޓަރުގެ ބަދަލުގައި ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު މަސައްކަތްކުރާ އެހެން ޑޮކްޓަރެކެވެ.

މެޑިކޯ ލީގަލް ރިޕޯޓާއި ހަވާލާދެއްވަމުން ޑރ. އައިޝަތު އުލިޔާ މުސްތަފާ ވިދާޅުވީ ހޮސްޕިޓަލަށް ގެނައި އިރުވެސް ގާސިމް އޮތީ ހޭނެތިފައި ކަމަށެވެ. އޭރު ވިންދު، ބްލަޑް ޕްރެޝާ އަދި ނޭވާ ލުމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް ވިދާޅުވި އެވެ. ހޮސްޕިޓަލަށް ގެނައުމަށްފަހު 20 މިނެޓު ސީޕީއާރު ދިން ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމްގެ ހަށިގަނޑަށް އެންމެ ބޮޑު އަނިޔާއެއް ލިބިފައި ވަނީ ކަރަށެވެ. އެގޮތުން ކަރުގެ ވާއަތުން ހުރަހަށް ހަ ސެންޓިމީޓަރު ދިގު، ތިން ސެންޓިމީޓަރު ހުޅުވިފައިވާ އެ ޒަހަމް ދެ ސެންޓިމީޓަރަށް ފުނަށް ކަނޑައިގެން ގޮސްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އެހާ ފުންކޮށް ކަނޑައިގެން ދިޔުމުގެ ސަބަބުން ލޭނާރުތަކަށް ގެއްލުންވެ ވަރަށް ބޮޑަށް ލޭ އޮހޮރިފައިވާ ކަމަށް އެ ރިޕޯޓުގައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށް ވުރެ ލޭ މަދުވުމުގެ ސަބަބުން ގާސިމް މަރުވެފައިވަނީ ހެމޮރޮޖިކް ޝޮކެއް ޖެހިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ދެން އެންމެ ބޮޑަށް އަނިޔާ ލިބިފައިވަނީ ގާސިމްގެ ދެ އަތުގެ އިނގިލިތަކަށެވެ. އެގޮތުން ވައަތުގެ ތިން އިނގިލީގެ ހުރަހަށް ކަނޑައިގެން ގޮސްފައިވާ ކަމަށާއި އަދި ކަނާއަތްތިލައިގެ ހުރަހަށް ކަނޑައިގެން ގޮސްފައިވާ ކަމަށްވެސް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އިތުރު ދެ ހެކިންގެ ހެކިބަސް އަދިވެސް ނުނެގެ އެވެ. ޕަބްލިކް ޕްރޮސެކިއުޓާ އިބްރާހިމް ނާސިހް ވިދާޅުވީ އޭގެ ތެރެއިން އެއް ހެކިވެރިޔަކީ އާންމު މީހެއް ކަމަށާއި އޭނާއަށް ފޯނުން ގުޅޭ ގޮތް ވެފައި ނުވާ ކަަމަށެވެ. އަނެއް ހެކިވެރިޔަކީ ފުލުސް އޮފިސަރެއް ކަމަށާއި އޭނާ ހުރީ އިންޑިއާގައި ކަމަށެވެ. އެމްބަސީ މެދުވެރިކޮށް ވެސް އޭނާގެ ހެކިބަސް ނަގަން ދަތި ކަމަށް ވިދާޅުވި އެވެ. މި ދެ ހެކިވެރިންގެ ހެކިބަސް ނުނަގައި ވެސް މި މައްސަލައިގައި ގޮތެއް ނިންމުމަށް ހުރަހެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އަދުހަމްގެ ފަރާތުން އެއްވެސް ދިފާއީ ހެއްކެއް ހުށަހަޅާފައި ނެތުމުން ގާޒީ އަލީ ނަދީމް ނިންމީ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވާ ކަމަށެވެ. އެހެންކަމުން ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމަށްފަހު ހުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާސިމް މަރުވީ އަދުހަމްގެ ސަބަބުން ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. އެކަމަކު އެއީ އޭނާ އެކަން ކުރުމުގެ ނިޔަތުގައި އަދި ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ދައުލަތުން އޭނާއާ ދެކޮޅަށް މިހާރު ހެކިބަސް ނަގަމުން ދަނީ އޭނާގެ މައްޗަށް ގަސްދު މަރު ސާބިތުކުރުމަށެވެ. ގާސިމް މަރާލައިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.