ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދާ ދެކޮޅަށް އިތުރު ތިން ހެކިންގެ ހެކިބަސް މިއަދު ނަގައިފި އެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަރު މެރުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާގައި ބަޔާންކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ބަޔަށް އަދުހަމް ވަނީ ކުރިން އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ގާސިމް މަރުވީ އޭނާގެ އަތުން ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި ހާދިސާގައި އަދުހަމްގެ ގަސްދު އޮތްކަން ސާބިތުކުރުމަށް މިހާރު ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވެސް ބާއްވާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ އިތުރު ތިން ހެކިވެރިންގެ ހެކިބަސް ނެގުމެވެ.
ހެކިބަސް ދެއްވަމުން ފުލުސް އޮފިސަރު އަދުހަމް އަލީ ވިދާޅުވެފައިވަނީ ގާސިމް ދުއްވަން އިން ޓެކްސީގެ ފަހަތު ސީޓުގެ ކަވަރުން ނެގުނު ފިންގާޕްރިންޓާއި އަދުހަމްގެ ވައަތްތިލައިގެ ފިންގާޕްރިންޓާ ދިމާވާ ކަމަށެވެ. އެއީ ވަކި މީހެއްގެ ފިންގާޕްރިންޓް ކަން ޔަގީންކުރުމަށް އެއްގޮތްވާން ބޭނުންވަނީ އަށް ސިފަ ކަމަށާއި، މި ދެ ފިންގާޕްރިންޓް އަޅާކިޔާއިރު 52 ސިފައެއް ދިމާވާ ކަމަށެވެ.
ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓެއް ތައްޔާރުކުރެއްވި އޮފިސަރު ވިޝާރް ހަސަން ހެކިބަސް ދެމުން ވިދާޅުވެފައިވަނީ ހުޅުމާލެ ހަ ނަންބަރު ފްލެޓް ކައިރީ ހުރި ގާކުނޑިތަކެއްގެ ތެރެއިން ގޮޅިޖެހި އަތްދިގު ގަމީހެއް ފެނިފައިވާ ކަމަށެވެ. އޭރު ސީންގައި އަދުހަމް ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ދެން ވެސް މިއަދު ހެކިބަސް ދީފައިވަނީ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓެއް ތައްޔާރުކުރެއްވި އޮފިސަރެކެވެ. ހެކިބަސް ދެއްވަމުން ޔޫސުފް އާދަމް ވިދާޅުވެފައިވަނީ އޭނާ އަކީ އަދުހަމް ދިރިއުޅޭ ގެ ބަލައި ފާސްކުރި އޮފިސަރު ކަމަށެވެ. އެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ އަދުހަމްގެ އަންނައުނު ހޯދުމަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދުހަމް ދިޔައީ އޭރު ވެސް ފުލުހުންނަށް އެއްބާރުލުން ދެމުންނެވެ.
މި މައްސަލައިގައި އިތުރު ހެކިވެރިންގެ ހެކިބަސް ނެގުން މިމަހުގެ 13 އަދި 14 ވަނަ ދުވަހަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.