ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދާ ދެކޮޅަށް ހެކިބަސް ދިނުމަށް ދައުލަތުން ހުށަހެޅި ހެކިވެރިޔަކު ޑީޕޯޓްކޮށްލާފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއް ހެކިބަސް ނެގުމުގެ ބައެވެ.
އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް އިސްލާމް ކިޔާ މީހެކެވެ. ހާދިސާ ހިނގިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ހުޅުމާލޭ ނިރޮޅުމަގުގައި ހުރި ކެފޭ ހައިވް ކިޔާ ތަނެއްގައި ކަމަށް އޭނާ ބުންޏެވެ.
ގާސިމް މަރައިލި ދުވަސް ކަމަށްވާ، 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ހަވީރު އޭނާ އުޅުނީ ކެފޭގައި ކަމަށް އޭނާ ކިޔައިދިނެވެ. ހާދިސާ ހިނގި ދުވަހުގެ ހަވީރު، މަސްކަނޑަން މީހަކު އަންނާނެ ކަމަށާއި އެ މީހާ އަތަށް ވަޅި ދޭން އެ ކެފޭގައި މަސައްކަތްކުރާ އިންޑިއާ ސޭޓް، ހަޝިމް ހަނީފް ހެކިވެރިޔާ ކައިރީ ބުނި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ދިގުމިނުގައި އެއް ފޫޓު ހުރި އެ ވަޅި އޭނާ ދިނީ ސޭޓު އަތަށް ކަމަށާއި ވަޅިއަށް ފަހުން ވީ ގޮތެއް ނޭންގޭ ކަމަށް ބުންޏެވެ.
އެ ވަޅީ ހަޝިމް ގެންދިޔުމަށްފަހު އަނބުރާ ގެނެސްފައި ނުވާ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ. އެ ވަޅި އަކީ ގާސިމަށް އަދުހަމް ހަމަލާ ދިން ވަޅި އެވެ. އެއީ އޭނާ ސޭޓު އަތަށް ދިން ވަޅިކަން ޝަރީފުލް އިސްލާމް ވަނީ ތަހުގީގުގައި ފުލުހުންނަށް ވެސް ޔަގީން ކޮށްދީފަ އެވެ.
ދައުލަތުގެ ވަކީލް އިބްރާހިމް ނާސިހް ވިދާޅުވި ގޮތުގައި ހަޝިމް މިހާރު ވަނީ އިންޑިއާއަށް ޑީޕޯޓް ކޮށްލައިފަ އެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށާއި އެކަމަކު އޭނާ ތަހުގީގަށް ދީފައިވާ ބަޔާނަށް މައްސަލައިގައި ރިއާޔަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
ހެކިބަސް ދިނުމަށް މިއަދު ދެން ދައުލަތުން ހާޒިރުކުރަން ނިންމާފައިވާ ހެކިވެރިޔާ ހާޒިރެއް ނުވެ އެވެ. އޭނާ ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެކަމަކު އެ ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށް އިދާރީ މޭޒުން ބުންޏެވެ. ދައުލަތުން ބުނެފައި ވަނީ ހެކިބަސް ނެގުމަށް މި މައްސަލައިގައި ތާވަލުކޮށްފައިވާ އެންމެ ފަހު ދުވަހަށް އޭނާ ހާޒިރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމްގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ތައްޔާރުކުރި ޑޮކްޓަރު ވެސް މިވަގުތު ރާއްޖޭގައި ނެތުމުން އޭނާގެ ބަދަލުގައި އެހެން ޑޮކްޓަރަކު ކޯޓަށް ހާޒިރުކުރުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ މި މައްސަލައިގައި ހިމެނޭ ހުރިހާ ލިޔެކިޔުމެއް އޭނާގެ އަތަށް ދިނުމަށް އެދިފަ އެވެ. ގާޒީ އަލީ ނަދީމް ވިދާޅުވެފައި ވަނީ އެކަން ކޯޓަށް ހުށަހަޅައިގެން ނުވަތަ ދިފާއީ ވަކީލާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމަށެވެ. ހުރިހާ އަޑުއެހުމެއްގައި ވެސް އަދުހަމް ވަރަށް ރަގަޅަށް ހުރިހާ ކަމެއް ނޯޓް ކުރެ އެވެ.
ގާސިމް މަރުވީ އަދުހަމްގެ ސަބަބުންކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ. އެކަމަކު އެއީ އޭނާ އެކަން ކުރުމުގެ ނިޔަތުގައި އަދި ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ދައުލަތުން އޭނާ އާ ދެކޮޅަށް މިހާރު ހެކިބަސް ނަގަމުން ދަނީ އޭނާގެ މައްޗަށް ގަސްދު މަރު ސާބިތުކުރުމަށެވެ.