ލައިފްސްޓައިލް

ފަރުވާކުރުމުގެ ނަމުގައި މީހުންގެ ދަތް ހަލާކުކުރި ޑެންޓިސްޓެއް!

އެމެރިކާގެ ޑެންޓިސްޓެއް ގަސްތުގައި މީހުންގެ ދަތްތަކަށް ގެއްލުން ދީގެން އިތުރު ފައިސާ ހޯދާކަން ފަޅާ އަރައިފި އެވެ.

އޭނާ ފުރަތަމަ ކުރާ ކަމަކީ ދަތުގެ ފަރުވާ އަށް އަންނަ މީހުންގެ ދަތްތަކަށް ގަސްތުގައި ގެއްލުން ދެނީ އެވެ. އަދި ދަތްތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ބުނެ ރަނގަޅުކޮށް ކްރައުން އަޅުވަން އިތުރު ފައިސާ ހޯދަނީ އެވެ. މިކަން ފަޅާ އެރިއިރު މި ޑެންޓިސްޓް މިގޮތަށް މީހުން އަތުން ފައިސާ އަތުލަމުން ގޮސް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހޯދާފައިވާ ކަމަށް ވެއެވެ.

އެމެރިކާގެ ވިސްކޮންސިންގައި ދިރިއުޅޭ ސްކޮޓް ޗާމޮލީ ކިޔާ މި ޑެންޓިސްޓް ކޮންމެ ދުވަހަކު އޭނާގެ ކައިރިއަށް ދަތްތަކުގެ ފަރުވާއަށް އަންނަ ބަލި މީހުންގެ ދަތްތައް ބޭނުން ނެތް ގޮތުގައި ޑްރިލް ކޮށް ހަލާކު ކުރެ އެވެ. އެކަން ކުރަނީ ދަތްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ބުނެ އެމީހުން އަތުން އިތުރު ފައިސާ ހޯދުމަށާއި ކްރައުން އެޅުވުން ފަދަ ކަންކަން ކޮށްގެން އިތުރު މަންފާ ހޯދުމަށެވެ.

ވިސްކޮންސިންސްގެ ދަތުގެ ޑޮކްޓަރުން އާއްމުކޮށް ކްރައުން އަޅުވާފައިވަނީ އެމީހުންގެ ކައިރިއަށް ފަރުވާ ހޯދަންދާ މީހުންގެ ތެރެއިން ކޮންމެ 100 މީހަކުން ހަތް މީހެއްގެ އެވެ. ނަމަވެސް 61 އަހަރުގެ މި ޑެންޓިސްޓް އޭނާ ކައިރިއަށް އަންނަ ކޮންމެ 100 މީހަކުން 32 މީހެއްގެ ކްރައުން އަޅުވާފައި ވެއެވެ.

ބޭނުމެއް ނެތް ގޮތުގައި ދަތުގައި ކްރައުން އަޅުވަން ޗާމޮލީ އޭނާގެ ބަލި މީހުންނަށް ވަރަށް ގިނައިން ޕްރެޝަރު ކުރެ އެވެ. ކްރައުން އެޅުވުމަކީ ދަތެއްގެ ބައްޓަމަށް އިންނަ ދޯރިއެއް ކަހަލަ އެއްޗެއް ހަލާކުވެފައިވާ ދަތުގައި އަޅުވައި ހަރުކުރުމެވެ. މިއީ އަގުބޮޑު މަސައްކަތެކެވެ.

މި ޑެންޓިސްޓް ކައިރިއަށް އަންނަ މީހުންގެ ދަތްތައް ރަނގަޅަށް ޑްރިލްކޮށް ހަލާކުކުރުމަށްފަހު އެކްސް-ރޭ ނަގާފައި ދަތްތަކަށް ވެފައި ހުރި ގެއްލުން ދައްކަ އެވެ. އަދި ހަލާކުވެފައިވާ ދަތުގައި ކްރައުން އަޅުވަން ކޮންމެހެން ވެސް ޖެހޭނެކަމަށް ލަފާ ދެ އެވެ.

"އަހަންނަށް ވެސް ހީވި އޭނަ ތަންކޮޅެއް ބޮޑުވަރު ކުރާހެން. ނަމަވެސް އޭނައަކީ ޕްރޮފެޝަނަލް މީހަކީ. އެހެންވީމަ އަހަންނަށް ވުރެ ބޮޑަށް އެނގޭނީ އޭނައަށް ކަމަށްވާތީ އޭނާ ބުނާ އެއްޗެއް އަހަރެން ގަބޫލުކުރީ،" މި ޑެންޓިސްޓް ކައިރިން ކްރައުން އެޅުވި ޓޮޑް ޓެޑެސްޗީ 'ދަ ގާޑިއަން' އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

މިގޮތަށް ބަލި މީހުންގެ ދަތްތައް ހަލާކުކޮށް 434 ކްރައުން އަޅުވައިގެން މި ޑޮކްޓަރު 2014ގައި 1.4 މިލިއަން ޑޮލަރު ހޯދި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައި ވެއެވެ. އަދި 2015 ގައި 1،000 ކްރައުން އަޅުވައިގެން 2.5 މިލިއަން ޑޮލަރު އޭނަ ހޯދާފައި ވެއެވެ.

މި ޑެންޓިސްޓް 2016 އިން 2019 އާ ދެމެދު ކޮންމެ އަހަރަކު 4.2 މިލިއަން ޑޮލަރުގެ ކްރައުންޑް އަޅުވާފައި ވެއެވެ. އެއީ ޖެނުއަރީ 2018 އިން އޮގަސްޓް 7، 2018 އާ ދެމެދު 1600 ކްރައުން އަޅުވައިގެންނެވެ.

އޭނާ ކުރި ކަންތައްތައް ފަޅާއެރީ 2019ގައި އޭނާގެ ޑެންޓަލް ޕްރެކްޓިކްސް ވިއްކާލި ހިސާބުންނެވެ. އެ ކްލިނިކް ގަތް ޑެންޓިސްޓަށް އެ ކްލިނިކްގެ ޑޮކިއުމަންޓްތަކުން މިކަންތައް ފާހަގަކުރެވުނީ އެވެ. އަދި ކަމާ ބެހޭ އިދާރާތަކަށް މި މައްސަލަ ރިޕޯޓް ކުރީ އެވެ.

މި މައްސަލަ ފަޅާއެރުމާ ގުޅިގެން ޗާމޮލީގެ ކައިރިން ފަރުވާ ހޯދި ބަލި މީހުންގެ ތެރެއިން ގާތްގަނޑަކަށް 100 އެއްހާ މީހުން ވަނީ އޭނާއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

"އޭނަ އަދިވެސް އެއްބަހެއް ނުވޭ އޭނާގެ މުއްސަނދި ކަމަކީ ނުހައްގު ގޮތުގައި ޑެންޓަލް ޕްރެކްޓިކްސް ކޮށްގެން ހޯދި ފައިސާ ކަމަކަށް. އޭނަ ބުނަނީ ހަފުތާއަކު 40-60 ގަޑިއިރު ބުރަ މަސައްކަތްކޮށްގެން ހޯދި ފައިސާއޭ އެއީ،" މި މައްސަލައިގެ ޑިފެންސް އެޓާނީ ވިދާޅުވެފައި ވެއެވެ.

ޗަމޯލީގެ މައްޗަށް ހެލްތު ކެއާ ފްރޯޑުގެ ފަސް މައްސަލައެއް ސާބިތުވެ އޭނާ ކުށްވެރިވާ ކަމަށް ވަނީ ނިންމާފަ އެވެ. ދިފާއީ ވަކީލުން ލަފާ ކުރަނީ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ ކަމަށެވެ. ޗާމޮލީގެ ލައިސަންސް ވަނީ ފެބްރުއަރީ 2021ގައި ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އަދި އެއްވެސް ޑިސިޕްލިނަރީ އެކްޝަނެއް އޭނާއާ ދެކޮޅަކަށް ނާޅާ އެވެ.

މި މައްސަލައިގައި ހުކުމް ކުރުން އޮތީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.