ލ. ގަން

ގަމުގެ މަސްވެރިންނަށް ރޯދަ އެލަވަންސް ދެނީ

Mar 20, 2022

ލ. ގަމުގައިި މަސްވެރިިކަމުގައި އުޅޭ މީހުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް 3،000 ރުފިޔާ ދިނުމަށް ނިންމައިފި އެވެ.

މަސްވެރިންނަށް ރޯދަ އެލަވަންސް ދެނީ ގަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާ"ގެ ފަރާތުންނެވެ.

ގަމުގައި މަސްވެރިކަން ކުރާ 15 ދޯނި ވެސް އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި އެ ދޯނިތަކުގައި ޖުމްލަ 172 މަސްވެރިން ހަރަކާތްތެރިވެ އެވެ.

ގަމުގެ މަސްވެރިންގެ ރޯދަ އެލަވަންސް ދެނީ ޔޫރަޕްގެ ޖަމިއްޔާއެއް ކަމުގައިވާ ފެއާ ޓްރޭޑްގެ މާލީ އެހީތެރިކަމުގަ އެވެ.

ގަމުގެ މަސް ދޯނި ތަކުގައި އެހެން ރަށްރަށުގެ މީހުން ވެސް މަސައްކަތް ކުރާތީ އެ މީހުންނަށްވެސް ރޯދަ އެލަވަންސް ދޭން ނިންމާފައިވެ އެވެ.

ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީން މިހާރު ވަނީ މަސްވެރިންނަށް ރޯދަ އެލަވަންސް ދޭން ފާސްކޮށްފަ އެވެ.

މަސްވެރިންގެ ޖަމިއްޔާ އިން ވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރޯދަ އެލަވަންސް ދިނުމަށާއި މިއަހަރު ދެ މަސްވެރިޔަކު އުމްރާ އަށް ފޮނުވުމަށް ވެސް ނިންމާފަ އެވެ.

ގަމުގެ ދޯނި ފަހަރުން ބާނާ މަސް އެ އަތޮޅުގައި އޮންނަ މާންދޫ އަށް ގެންގޮސް ދަޅުގައި ބަންދުކޮށްގެން ބޭރު ކުރަނީ ފެއާ ޓްރޭޑް ޖަމިއްޔާގެ ލޯގޯގަ އެވެ. އެހެންވެ އެ ޖަމިއްޔާ މެދުވެރިކޮށް ވަކި ޕަސެންޓެއްގެ ފައިދާ ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާއަށް ލިބޭ ގޮތަށް އެ ދެ ޖަމިއްޔާގެ މެދުގައި ވަނީ އެއްބަސްވުމެއް ހަދާފަ އެވެ.