ހަބަރު

ދޯނި ހައިޖެކް ކުރުން: ތިން މީހަކު ހައްޔަރު ކޮށްފި

ލ. އަތޮޅު ވަޑިނޮޅު ކަނޑު ތެރެއިން މަސްދޯންޏެއް ހައިޖެކް ކުރި ކަމަށް ބުނާ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު ހަތިޔާރާއެކު އެރި ކަމަށް ތުހުމަތުވި މައްސަލައާ ގުޅިގެން ތިން މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ.

މަސްވެރިކަން އުޅުނު "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު ތިރީހަކަށް މީހުން އެރި ކަމަށް އެ ދޯނިން ވަނީ މައުލޫމާތު ދީފައި ވެއެވެ. އަދި އެމީހުން އަރާ ދޯނީގެ ކެޕްޓަނަށް ވަޅިން ބިރު ދައްކައި އެމީހުން ބޭނުންވާ ތަނަކަށް ދޯނި ގެންދިޔުމަށް އެދުނެވެ. އަދި ދޯނީގައި ދެން ތިބި ފަޅުވެރިންނަށް ވެސް ބިރު ދައްކައި އެމީހުންގެ އިރުޝާދުތަކަށް ތަބާވާން އެންގި ކަމަށް ވެސް ބުނެ އެވެ.

އެ ދޯންޏަށް އެމީހުން އެރުވި ކަމަށް ބުނާ ތޫނު ހަތިޔާރުތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އަދި އެ ކަމުގައި ފިޔަވަޅު އަޅަންޖެހޭ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

ދޯނި އިއްޔެ ލ. އަތޮޅުން ފުރައިގެން ދާން އުޅުމުން ބަޔަކު އެއްވެ ދޯނި ފުރައިގެން ދިޔަ ނުދީ ވަނީ ލ. ގަމު ބަނދަރުގައި ހިފަހައްޓާފަ އެވެ. ދޯންޏަކީ ގަމު މީހެއްގެ އަތުން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހަތް މިލިއަން ރުފިޔާ އަށް ބައްލަވައިގެންފައިވާ ދޯޏްޏެކެވެ.

ދޯނީގެ ވެރިފަރާތުން ބުނީ ދޯނި ހައިޖެކް ނުކުރާ ކަމަށާއި އަދި އެއްވެސް މީހަކަށް ބިރު ނުދައްކާ ކަމަށެވެ. އަދި ދޯންޏަށް އެރީ އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވާތީ ދޯނި އަތުލަން ކަމަށް ވެސް ބުންޏެވެ.