ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާރިޔާ އަހުމަދު ދީދީ

ކޮވިޑްގައި ސިފައިން ކުރި މަސައްކަތަށް މެޑަލް ދެނީ

ކޮވިޑް-19 އިން ދިފާއުވުމަށް ކުރި މަސައްކަތުގައި ދިވެހި ސިފައިން އަދާކުރި ދައުރު ފާހަގަކުރުމުގެ ގޮތުން ހާއްސަ މެޑަލްއެއް ދިނުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ކޮވިޑް19 ގެ ހާލަތުގައި ސިފައިން ކުރި މިންނެތް މަސައްކަތާއި ދިވެހި ގައުމާއި ރައްޔިތުންނަށް ކޮށްދިން އިހްލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް ސިފައިންނަށް "އިންސާނީ ހިދުމަތުގެ މެޑެލި-ކޮވިޑް19" ދިނުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ނިންމަވައިފި ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ސިފައިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ފެސިލިޓީތައް ގާއިމު ކުރުމާއި ބަލި މީހުން އުފުލާއި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓީ ސިފައިންނެވެ. އަދި ލޮކްޑައުންގެ ހާލަތުގައި އާންމުންނަށް އަސާސީ މުދާ ޑެލިވަރީ ކޮށްދޭންވެސް ސިފައިން މަގުތަކަށް ނިކުތެވެ.

މީގެ އިތުރުން ސާމްޕަލް ނެގުމާއި ސިއްހީ ހިދުމަތް ދިނުމުގައި ސިފައިންގެ ސިއްހީ ހިދުމަތްތެރިން މުހިންމު ދައުރެއް އަދާކުުރިއެވެ. ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ހެދުމުގެ މަސައްކަތް ކުރީވެސް ސިފައިންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފެށި މަަސައްކަތުގައި އިސް އިދާރާއެއްގެ ގޮތުގައި ސަރުކާރުން އުފެއްދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ބެއްލެވުމުގެ ދަށުންނެވެ.