ބްރެޒީލްގެ އެމޭޒަން ރެއިންފޮރެސްޓަށް ގެއްލުނު އުމުރުން ހަ އަހަރާއި އަށް އަހަރުގެ ދެބެން ހަތަރު ހަފުތާފަހުން ފެނިއްޖެ އެވެ.
ގްލީސަން ފެރީރާ އާއި އޭނާގެ ކޮއްކޮ ގްލޯކޯ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ގެއްލުނީ އެމޭޒަނަސް ސްޓޭޓްގެ މަނިކޯ އިންނެވެ.
ބީބީސީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި ދެ ކުދިން ގެއްލުނީ ކުދި ކުދި ދޫނި ހިފަން ޖަންގައްޔަށް ވަދެ އުޅެނިކޮށް މަގު އޮޅިގެންނެވެ. ދުނިޔޭގެ އެންމެ ބޮޑު ޖަންގައްޔަށް ގެއްލުނު މި ދެ ކުދިން ފެނިފައިވަނީ އެ ކުދިން ގެއްލުނުތާ ބަރާބަރު ހަތަރު ހަފުތާ ވީ ފަހުންނެވެ. އެ ކުދިންނަށް ޖަންގަލީގައި ހޭދަކުރި ހަތަރު ހަފުތާ ތެރޭ ކާނެ އެއްޗެއް ނުލިބުނު ކަމަށާއި އެކުދިން ދިރި ތިބީ ވާރޭ ފެން ބޮއިގެން ކަމަށް އެ ކުދިންނާ ހަވާލާދީ މި ޚަބަރުގައި ބުނެފައި ވެއެވެ.
މި ކުދިން ޖަންގަޔަށް ގެއްލުނީ ވަރަށް ވިއްސާރަ މޫސުމެއްގައި ކަމުން ކުދިންނަށް އިތުރު މައްސަލަތައް ޖަންގަލީގައި ކުރިމަތިވި އެވެ. ސަބަބަކީ ވިއްސާރައިރު ޖަންގަލީގެ ތެރޭގައި ހިނގާބިނގާވެ އުޅުމަކީ އުނދަގޫ ކަމަކަށް ވާތީ އެވެ.
މި ކުދިން ޖަންގަޔަށް ގެއްލުމާ ގުޅިގެން ކުދިންގެ މައިންބަފައިނާއި އެ ހިސާބުގެ އެތައް ސަތޭކަ ބަޔަކު ޖަންގަޔަށް ވަދެ މިކުދިން ހޯދުމުގެ މަސައްކަތް އެތައް ދުވަހެއް ވަންދެން ކުރި އެވެ. އަދި އިމަޖެންސީ ރެސްކިއު ޓީމުތަކުން ވެސް އެތައް ދުވަހެއް ވަންދެން އެކުދިން ހޯދި އެވެ. ނަމަވެސް އެއްވެސް ތަނަކުން އެކުދިން ނުފެނުމުން ފެބްރުއަރީ 24 ވަނަ ދުވަހު އެކުދިން ނުފެނުނީ ކަމަށް ބަލައި އެ މަސައްކަތް އޮތީ ހުއްޓާލާފަ އެވެ.
އެންމެ ފަހުން މި ކުދިން ފެނުނީ އެ ހިސާބުގައި ދިރިއުޅޭ ލަކުޑި ކަނޑާ މީހަކަށެވެ. އެމީހާ ވަގުތުން އެކުދިން ސަލާމަތްކޮށްގެން އަވަށަށް ގެނައީ އެވެ. އެކުދިން ޖަންގަލީގައި ތިބި ހިސާބާއި އެކުދިން ދިރިއުޅޭ އަވަށާ ދެމެދު ހަ ކިލޯމީޓަރު ހުރި ކަމަށް ވެއެވެ.
މި ދެބެން ދިރިއުޅެނީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއް ކަމަށްވާ ލެގޯ ކަޕާނާގެ ޕަލްމެއިރާ އަވަށުގައި ހުންނަ ގެއެއްގަ އެވެ.
ލަކުޑި ކަނޑާ މީހާ ބުނި ގޮތުގައި އެ ކުދިންނަށް އޭނާ ގަސް ކަނޑާ އަޑު އިވިގެން "ސަލާމަތް ކުރާށޭ"ކިޔާފައި ގޮވި އަޑު އިވިގެން ދިޔައިރު އެ ކުދިން ތިބީ ބަނޑުގައިވެގެން ގޮސް ހާންތިވެ ވަރަށް ވަރުދެރަ ވެފައި ކަމަށެވެ. އަދި ގައިގެ އެތަން މިތަން މަށައިގެން ގޮސްފައިވާ ކަމަށެވެ.
މި ކުދިން ފުރަތަމަ ގެންދިޔައީ މެނިކޯގައި ހުރި ކުޑަ ހޮސްޕިޓަލަކަށެވެ. ފަހުން ހެލިކޮޕްޓަރުގައި ބޮޑު ހޮސްޕިޓަލަށް ގެންގޮސް މިހާރު އެތާނގައި މި ކުދިންނަށް ގެންދަނީ ފަރުވާ ދެމުންނެވެ.
ބަނޑުހައިވެގެން ދިމާވި މައްސަލަތަކެއް ފިޔަވައި އިތުރު ކަމެއް މި ކުދިންނަށް ދިމާވެފައި ނުވާ ކަމަށް މި ޚަބަރުގައި ވެއެވެ.