މަރިއުޕޮލްގައި އަމާން ދޭން ރަޝިއާ ގޮވާލި ގޮވާލުމަށް އިޖާބަ ދެވެން ނެތް ކަމަށް ނައިބު ބޮޑުވަޒީރު އިރީނާ ވަރެޝްޗުކް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަތިޔާރު ބެހެއްޓުމަކީ ކުރެވެން ނެތް މަޝްވަރާ އެކެވެ. އޭނާ އަދި ވިދާޅުވީ މަރިއުޕޮލްގައި ހަނގުރާމަ ކުރަނީ ގައުމަށްޓަކައި ކަމަށާއި ބަތޮލުންގެ ޝަރަފު އެމީހުން ދެވޭނެ ކަމަށެވެ.
މަރިއުޕޮލްގައި ތިބި ޔުކްރޭން ސިފައިން އަމާން ދިނުމަށް ރަޝިއާ އޮތީ ކުރިން ވެސް ގޮވާލާފަ އެވެ. ރަޝިއާ އަސްކަރިއްޔާއިން އަންގާފައި އޮތީ ހަތިޔާރު ބަހައްޓައި ސަލާމަތަށް އެދޭ ސިފައިން ރަޝިއާއާ ހަވާލު ވުމަށެވެ.
އެނޫން ގޮތެއްގައި މަރިއުޕޮލްގައި ލޭއޮހޮރުވުން ގިނަވެދާނެ ކަމަށާއި އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ކަމަށް ވެސް ރަޝިއާއި އޮތީ އަންގާފަ އެވެ.
އަމާންދިނުމަށް ފަހު ރައްކާތެރިކަމަށް އެދޭ މީހުންނަށް ދެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް ވެސް ރަޝިއާ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
ރަޝިއާ-ޔުކްރޭން ހަނގުރާމައިގައި މަރިއުޕޮލްއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. މުޅި ސިޓީގެ އެކި ސަރަހައްދުތަކުން ކަނރަންޓް ކެނޑި ބޯފެނަށް ޖެހިފައި އޮޮންނަތާ ވެސް ދުވަސްތަކެއް ވަނީ ވެފަ އެވެ.
މަރިއުޕޮލްއަކީ ޔުކްރޭނާއި ކަޅުކަނޑު ގުޅުވައިދޭ ސިޓީއެވެ. ރަޝިއާއިން އެއްގަމާއި ކަނޑުން ދޭން ފެށި ހަމަލާތަކުގައި މަރިއުޕޮލްގައި އެތައް ބަޔަކު ތާށިވެ ނުކުންނެ ގޮތް ވަނީ ހުސްވެފަ އެވެ.
މަރިއުޕޮލް ސިޓީގައި ހާލުގައި ޖެހިފައި ތިބި އެތައްހާސް ބަޔަކު ރަޝިއާގެ އަސްކަރިއްޔާއިން ނަގައިގަނެ ވަނީ އެމީހުންގެ ރުހުމާ ނުލައި ރަޝިއާއަށް ގެންގޮސްފަ އެވެ. ރަޝިއާ ބުނާ ގޮތުން ރައްކާތެރިކަން ބޭނުންވާ މީހުން ތިބޭނީ ސަލާމަތުން ރަނގަޅަށް ކައިބޮއިގެންނެވެ.