އިމިގްރޭޝަން

ބިދޭސީންގެ 45 ކުށްވެރިޔަކު ހޯދަނީ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ 45 ކުށްވެރިޔަކު ހޯދަން އިމިގްރޭޝަނުން އިއުލާނެއް ކޮށްފި އެވެ.

އެމީހުންގެ ފޮޓޯއާއެކު އާންމު ކޮށްފައިވާ އެ އިއުލާނުގައި ބުނީ އެމީހުންނަކީ ކުށްވެރިން ކަމަށެވެ.

އެމީހުން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަންއަށް ރަސްމީ ގަޑީގައި ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

މި 45 މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. މި މީހުންގެ ތެރޭގައި 35 ބަންގްލަދޭޝްގެ ރައްޔިތުންނާއި ތިން އިންޑިއާ މީހުންނާއި ނައިޖީރިއާގެ ދެ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިތިއޮޕިއާ، ސްރީލަންކާ، ބްރިޓިޝް، ފިލިޕިންސް އަދި ތައިލެންޑް މީހަކު ހިމެނެ އެވެ.

މި މީހުންގެ ތެރޭގައި ގިނައީ 24 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ރާއްޖޭގެ ކުށުގެ ވެށީގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފުލުހުން ކުރިން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން ރަލުގެ ވިޔަފާރިއާއި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރީގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ގިނައީ ބިދޭސީންނެެވެ.