ހުޅުމާލޭގައި އެޗްޑީސީން ހަދާފައިވާ ޕާކަކަށް ބަޔަކު ގެއްލުން ދީފި އެވެ.
ހުޅުމާލޭގެ ޗައިނާ ޓައުންގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ފްލެޓްތަކުގެ ކައިރީގައި ހަދާފައިވާ ޕާކަށް ގެއްލުން ދީފައިވަނީ އިއްޔެ ރޭގަ އެވެ.
ފެހިރެސް ޕާކުގެ ނަން ދީފައިވާ ޕާކަށް ގެއްލުން ދިން ބަޔަކު ނޭނގޭ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެ އެވެ.
ޕާކަށް ގެއްލުން ދިން މީހުން ވަނީ އެތަނުގައި ޖަހާފައި ހުރި ލައިޓްތަކަށް ގެއްލުންދީ ލައިޓް ހަރުކޮށްފައި ހުރި ހޮޅިދަނޑިތައް ވެސް ވައްޓާލާފަ އެވެ.
އެޗްޑީސީން ބުނީ އެފަދަ ތަކެއްޗަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަހައްޓާފައިވާ ތަކެތިކަމަށްވާތީ އެފަދަ ގެއްލުންތައް ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޕާކަށް ގެއްލުން ދިން މައްސަލަ އެޗްޑީސީން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ޕާކަށް ދީފައިވާ ގެއްލުންތައް ރަނގަޅުކޮށް އެތަނުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.