ހައިކޯޓް

މަހުލޫފު މައްސަލަ ބަލަން ހައިކޯޓުން އަންގައިފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށް ކަމަށް ހައިކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްފައި ވަނީ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކި ވަޒަންކުރާއިރު މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމުމަށްފަހުގަ އެވެ. މި މައްސަލަ ބޭރުކޮށްލެއްވީ ގާޒީ މުހައްމަދު މިސްބާހު އެވެ. އެމަނިކުފާނަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ބޮޑު ހިޔާނާތުގެ އެންމެ މުގުލުގައި ހުރި އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅެކެވެ.

އެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިއަދު އެ މައްސަލައިގެ ހުކުމް އިއްވާފައިވާއިރު، މައްސަލަ މަދަނީ މިންގަނޑުން ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މަހުލޫފާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މުހިންމު ހެކިތަކަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފަނޑިޔާރު ފާތުމަތު ފަރުހީޒާގެ ރައުޔު އިއްވަމުން ވިދާޅުވެފައި ވަނީ މި މައްސަލައިގައި ދަށު ކޯޓުގެ ގާޒީ ހެކި ވަޒަންކުރިއިރު ބަލައިފައި ވަނީ ހެކީގެ އަދުލުވެރިކަމަށް ކަމަށެވެ. އަދި ހެކިތައް ވަޒަންކުރިއިރު ދައުލަތުން ހުށަހަޅާފައިވާ މަހުލޫފުގެ ޓްރެވެލް ޑޮކިއުމެންޓްތަކާއި، އާއިލީ ވިޔަފާރީގެ މާލީ ލިޔެކިޔުންތަކާއި، މަހުލޫފާއި އާއިލާގެ ބޭންކް ސްޓޭޓްމެންޓް ފަދަ ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ މަހުލޫފަށް ލިބުނު ފައިސާ އޭނާ ހަރަދުކޮށްފައި ވަނީ އަމިއްލަ ކަންކަމަށް ކަމަށެވެ. އެގޮތުން އެދުވަސްވަރު ބޭރު ގައުމުތަކަށް ދަތުރުތައް ކޮށްފައިވާ ކަމަށް ބުނެ އެވެ. ދަށު ކޯޓުން ހެކި ވަޒަންކުރިއިރު މިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހެކިވަހުގެ އަދުލުވެރިކަން މިނެކިރޭނީ ހެކިބަސް ނަގައި ނިމުމަށްފަހު ހެކިބަހާ ގުޅޭ ގޮތުން ވާހަކަދައްކާ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ފަރުހީޒާގެ ރައުޔުގައި ވިދާޅުވެފައި ވަނީ މި މައްސަލައިގައި ހިމެނޭ ބައެއް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާތީ މައްސަލަ އަލުން ތަހުލީލުކުރުމަށެވެ. އެގޮތުން ދައުވާ އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅޭނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ފަރުހީޒާގެ ރައުޔުގެ އެ ބަޔަށް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަލީ ސަމީރު ތާއީދެއް ނުކުރައްވަ އެވެ. އެ ދެ ބޭފުޅުންގެ ރައުޔުގައި ވިދާޅުވެފައި ވަނީ ފަނޑިޔާރު ފަރުހީޒާގެ ރައުޔުގައި ފާހަގަކޮށްފައިހުރި ކަންކަމަށް ބަލާއިރު ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މައްސަލަ ނިންމެވީ މަހުލޫފު މައްސަލަ އެ އޮތް ހިސާބުން ކުރިއަށް ގެންދިއުމަށެވެ.