ޑރ. މުހައްމަދު ޖަމީލް އަހުމަދު

ގާނޫނީ ރައްކާތެރިކަން އިހްތިޖާޖްތަކަށް ލިބިގެންވޭ: ޖަމީލް

ސުލްހަވެރި އިހްތިޖާޖަކީ އަސާސީ ހައްގެއް ކަމަށާ ގާނޫނީ ރައްކާތެރިކަން އިހްތިޖާޖްތަކަށް ލިބިގެންވާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ބާއްވަން ނިންމާފައިވާ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ކުރީން ހޯމް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވީ ރާއްޖޭގައި ހިންގާނީ ގާނޫނުގެ ސިޔާދަތު ކަމަށާ ސުލްހަވެރި އިހްތިޖާޖަކީ އަސާސީ ހައްގެއް ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގާނޫނު އެނގިވަޑައިނުގަތުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ ޒިންމާގެ ތެރެއަށް ވަދެގަތުމުގެ އިހްތިޔާރެއް ނުލިބޭ. ގާނޫނީ ރައްކާތެރިކަން އިހްތިޖާޖްތަކަށް ލިބިގެންވޭ،" ޖަމީލް ވިދާޅުވިއެވެ.

އިމްރާން މިއަދު ވިދާޅުވީ "އިންޑިއާ އައުޓް"ގެ ހަރަކާތާ ގުޅޭ ގޮތުން ރަައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވެސް އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ޖަވާބުދާރީ ވެފައިވާނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު "އިންޑިއާ" އައުޓް"ގެ ބޮޑު ހަރަކާތެއް މާލޭގައި ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ހަރަކާތް ނުހިންގޭނެ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް އެފަދަ ކަމެއް ނުހިންގޭނެކަން މިހާރު ވާނީ އެ ބޭފުޅުންނަށް ދެންނެވިފަ" އިމްރާން ވިދާޅުވި އެވެ.
ހުކުރު ދުވަހު ބާއްވާ ބޮޑު ހަރަކާތް ނުބޭއްވޭނެ ކަމަށް އަންގާފައިވާ ކަމަށް އިމްރާން ވިދާޅުވި ނަަމަވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އެކަން ދޮގުކުރައްވަ އެވެ.

ހީނާ ވިދާޅުވީ މިއަދު މަޖިލީހުގައި އިމްރާން ހެއްދެވީ ސިދާ އިތުރު ފުޅެއް ކަމަށާއި ހުކުރު ދުވަހު ބާއްވާ ހަރަކާތާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކާ އެކު އެއްވެސް ބައްދަލުވުމެއް އަދި އެއްވެސް ވާހަކައެއް ވެސް ދެކެވިފައި ނުވާ ކަމަށެވެ.

"އިންޑިއާ އައުޓް ބާރަށް ކުރިއަށް ދާނެ" ހީނާ ވިދާޅުވި އެވެ.