ހަބަރު

ހަސަން މަނިކުގެ ޅެން ފޮތެއް ނެރެފި

އަދަބިއްޔާތުގެ ހިދުމަތްތެރިޔާ ރޯނުގޭ ހަސަން މަނިކުގެ ފަސްވަނަ ޅެން ފޮތް ނެރެފި އެވެ.

މި ފޮތް ނެރެފައިވަނީ ދުނިޔޭގެ ޅެންވެރީންގެ ދުވަސް ފާހަގަ ކުރުމުގެ ދިވެހި ބަހުގެ އެކަޑަމީ އާއި ލިޔުންތެރީންގެ ގުޅުން އަދި އިންޑިއާ ކަލްޗަރަލް ސެންޓަރު ގުޅިގެން ރޭ އިއްޒުއްދީން ސުކޫލުގައި ބޭއްވި ރަަސްމިއްޔާތެއްގަ އެވެ. އެ ފޮތުގެ އޮންލައިން ވާޝަން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ހަސަން މަނިކުގެ މި ފަހަރުގެ ޅެން ފޮތް ނެރެފައި ވަނީ "ތޭހައްޓި" ނަމުގަ އެވެ. މީގެ ކުރީން ހަސަން ވަނީ ކުޑަކުދީންނަށް ހާއްސަކޮށްގެން ވެސް ދެ ޅެން ފޮތެއް ނެރުއްވާފަ އެވެ. އެއީ "ކުޑަކުދީންގެ ޅެން ފޮތް" އަދި "ކުޑަކުދީންގެ ޅެން ވާހަކަ-1 " އެވެ.

މީގެ އިތުރުން "ރޯދައިގެ ރިވެލި" އަދި "ކަންދު" ނަމުގައި ވެސް ވަނީ ޅެން ފޮތެއް ނެރުއްވާފަ އެވެ.

މީގެ ކުރީންވެސް ހަސަން ނެރުއްވި ޅެން ފޮތްތަކެކޭ އެއްގޮތަށް މި ފަހަރުގެ ފޮތުގައިވެސް ބައެއް ލަވަތައް ހިމަނާފައިވެއެވެ. އަދި އެކި މުނާސަބުތަަކަށް އޭނާ ހައްދަވާފައިވާ ބައެއް ޅެންތައްވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން ބައެއް ޝަހުސިއްޔަތުންނާއި ގުޅޭގޮތުން ހައްދަވާފައިވާ ޅެންތައްވެސް މި ފޮތުގައި ހިމެނެއެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ހަސަން މިއަދު ވިދާޅުވީ "ތޭހައްޓި" ފޮތް ޗާޕް ކޮށްގެން ވަރަށް އަވަހަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ފޮތް ޗާޕު ކުރެވިގެން ނިކުންނާނެ. 'ތޭހައްޓި' އާންމުންނާއި ހަމައަށް ގެނެސްދެވުމަކީ އަދަބިއްޔާ ހިދުމަތުގެ އިތުރު ބޮޅެއް. އަދި ވަރަށް ބޮޑަށް އުންމީދު ކޮށްގެން މިހުރީ މިއަހަރުގެ ނިމުމުގެ ކުރީން އިތުރު ފޮތެއް ނެރެވޭނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.