ފާނަ މަސްވެރިކަން ކުރާ މީހުންނަށް އަމާޒުކޮށްގެން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހެޗަރީ ގާއިމުކުރަން ނިންމައިފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިއާ ނައީމު ވިދާޅުވީ ސަރަަހައްދީ ހަތަރު ހެޗަރީ ހެދުމުގެ ބޭނުމަކީ ބާޒާރަށް ބޭނުންވާ އަދަދަށް އަބަދުވެސް ފާނަ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
"ރާއްޖޭގެ ފާނައިގެ މެރިކަލްޗާ ޕްރޮޑަކްޓް މާކެޓަށް ބޭނުންވާ ވަރަށް އަބަދުވެސް ލިބެން ހުންނާނެ ގޮތަކަށް މަސައްކަތްތަށް ކުރިއަށް ގެންދިއުން އެއީ މުހިއްމު ބޭނުމެއް،" ޝާފިއާ ވިދާޅުވި އެވެ.
ސަރަހައްދީ ހަތަރު ހެޗަރީ ހަދަނީ ހއ. ފިއްލަދޫ، ތ. ވަންދޫ، ފ. ދަރަނބޫދޫ އަދި މ. ވޭވަށުގަ އެވެ. ސަރުކާރުން ޕްލޭން ކޮށްފައިވަނީ ސަރަހައްދީ ކޮންމެ ހެޗަރީ އަކު މަހަކު 20،000 ފާނަ ދިރުވާ އާލާކުރުމަށެވެ.
ސަރަހައްދީ ހެޗަރީ ތަކުގެ ސްޓްރަކްޗާ ހެދުމަށާއި އެ ތަންތަނަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުމަށް ކޮންމެ ހެޗަރީ އަކަށް ހަތަރު މިލިއަނާއި ފަސް މިލިއަން ޑޮލަރުގެ އަދަދެއް ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ޝާފިއާ ވިދާޅުވީ ސަރަހައްދީ ހެޗަރީތައް ހެދުމަށް ކައުންސިލްތަކާ މަޝްވަރާކުރެވި ވީހާވެސް އަވަހަށް މަސައްކަތް ފެށުމަށްފަހު ލަސްނުކޮށް މަސައްކަތް ނިންމަން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މިވަގުތު މިމަސައްކަތް ފަށައި މިކަމުގައި އުޅުނު ނަމަވެސް މިމަސައްކަތް ވައިގައި ހިފުމުން ބަޔަކާ ހެޗަރީތައް ހަވާލުކޮށްގެން ހިންގުން އެއީ ޕްލޭން ކުރެވެމުންދާ ގޮތަކީ،" ޝާފިއާ ވިދާޅުވި އެވެ.
ފާނަ އާއި ހުއިފިލަނޑާ އަދި ބޭންގް އަލާކުރަން މައި ހެޗަރީގެ ގޮތުގައި ހެޗަރީ ތަރައްގީކުރަމުން ދަނީ ގއ. މާނާގަލާގަ އެވެ. އެތަނުގައި އެކޮމަޑޭޝަނާއި އެހެންވެސް ބައެއް ވަސީލަތްތައް ގާއިމުކުރުމަށް 3.6 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާއިރު ހެޗަރީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރަން ނިންމާފައިވެ އެވެ.
ޝާފިއާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާނާގަލާގައި އަހަރަކު ފަސް މިލިއަން ފާނަ ދިރުވާ އާލާކުރުމާއި އެންވެރިކަމަށް ހާއްސަކޮށްގެން އަހަރަކު 100 ޓަނުގެ ބޭންގް ދިރުވާ އާލާކުރުމެވެ.
މީގެ އިތުރުން އެކުއަކަލްޗާގެ މަސައްކަތްތަކަށް މީހުން ބިނާކުރުމަށްޓަކައި ކ. މަނިޔަފުށީގައި ޓްރެއިނިން އަދި ރިސާޗް ސެންޓަރެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ސެންޓަރުގައި މެރިކަލްޗާ ދާއިރާއިން އެކްރެޑިޓުކޮށްފައިވާ ކޯސްތައް ހިންގުމަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ފުޅާކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުންނެވެ.
ފާނަ އާއި ހުއިފިލަނޑާ އަލާކުރަން ނިމިދިޔަ ސަރުކާރުގައި ވެސް ފިޝަރީޒް މިނިސްޓްރީން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ކ. މަނިޔަފުށީ ބޭރުގައި ކޮށި އަޅައިގެން ފާނަ ދިރުވުމުގެ މަސައްކަތް ފެށި އެވެ. އަދި އޭގެ ކުރިން ވ. ބޮޑުމޮހޮރާގައި ވެސް އެފަދަ މަޝްރޫއެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އެފަދަ އެއްވެސް މަޝްރޫއެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
ފާނަ އާއި ހުއިފިލަނޑާ އަކީ ދުނިޔޭގެ ބާޒާރުގައި ރަނގަޅު އަގެއް ލިބޭ ދެ ބާވަތެވެ.