ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އަނެއްކާވެސް ހުށަހަޅަނީ

Mar 22, 2022

ހިޔާ ފްލެޓްތަކުގެ ވެރިންނަށް ކުލި ދެއްކުމުގައި ސަރުކާރުން ބޮޑު ލުޔެއް ދީފައި ވަނިކޮށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި އަނެއްކާވެސް ހަރަކާތެއް ފަށައިފި އެވެ.

ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަންޖެހެ އެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު އަދި މިހާތަނަށް ކުލި ނަގާފައެއް ނުވެ އެވެ. ސަރުކާރުން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ކުލި ނެގުމަށެވެ.

ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ފެނާއި ކަރަންޓް ބިލަށް ވެސް ކުރިން ލުއި ދީފައިވެ އެވެ. އަދި ކުންޏަށްވެސް ސަރުކާރުން މިވަގުތު އެއްވެސް ފީއެއް ނުނަގަ އެވެ.

ހިޔާ ފްލެޓްތަކުގެ މީހުންނަށް ސަރުކާރުން ލުއިތަކެއް ދީފައިވަނިކޮށް ހިޔާ ފްލެޓްތައް ތަމްސީލް ކުރާ ހިޔާ ޔޫނިއަނުން ވަނީ ފްލެޓްތަކުގެ ވެރިންގެ ފަރާތުން ކުލި ކުޑަކޮށްދިނުމަށް ގޮވާލައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުށަހެޅުމަށް ސިޓީއެއްގައި ސޮއިކުރަން ފަށާފަ އެވެ.

ހިޔާ ފްލެޓްތަކުގެ ވެރިންގެ މައިގަނޑު ޝަކުވާ އަކީ ފްލެޓްތަކުގެ މަސައްކަތް ނުނިންމާ ހަވާލުކުރުމުން ފްލެޓްތައް ނިންމަން އެމީހުންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހިފައިވުމުން ދައްކަން ޖެހޭ ކުލި ބޮޑުވުމެވެ. އެމީހުންގެ އަނެއް ކަންބޮޑުވުމަކީ ފިނިޝިން ނިންމައި ކުރިން ހަވާލުކުރި ފްލެޓްތަތަކުގެ އަގު ހިޔާ ފްލެޓްތަކުގެ އަގަށް ވުރެ ކުޑަވުމެވެ.

ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި މިހާރަށް ވުރެ އިތުރަށް ކުޑަ ކޮށްދެވެން ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެކަމަކު ހިޔާ ޔޫނިއަނުން ގެންދަނީ ކުރީ ސަރުކާރުން ކަނޑައެޅި 5،600 ރުފިޔާ އަށް ކުލި ކުޑަކޮށްދިނުމަށް އެދެމުންނެެވެ. މިހާރު ތައްޔާރުކުރާ ސިޓީގައިވެސް އޮތީ އެ އަދަދަށް ކުލި ކުޑަކޮށްދިނުމަށެވެ.

ހިޔާ ޔޫނިއަނުން ތައްޔާރުކޮށްފައިވާ ސިޓީގައި މިހާތަނަށް 600 އަށް ވުރެ ގިނަ ފްލެޓްތަކުގެ ވެރިން ސޮއިކޮށްފައިވެ އެވެެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 16 ޓަވަރުގައި 7،000 ފްލެޓް ހަދާފައިވާއިރު 6،000 އާ ގާތްކުރާ ފްލެޓްގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށާފަ އެވެ. މީހުން ދިރިއުޅެން މިސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ. ބާކީ ހުރި ފްލެޓްތައް ބޭނުންކުރަނީ އަސާސީ ހިދުމަތްތައް ގާއިމުކޮށް ކޮމާޝަލް މަސައްކަތްތަކަށެވެ.