ލައިފްސްޓައިލް

ބޯވާގައި ތިން ހިތާއި ނުވަ ސިކުނޑި އިންނަނީ ކީއްވެ؟

ދުނިޔޭގައި ގުދުރަތުން ވަރަށް ތަފާތު އަޖައިބު ކުރުވަނިވި ދިރުން ލައްވާފައި ވެއެވެ. އިންސާނުންނާއި ޖަނަވާރުންގެ އިތުރުން މަސްމަހާއި މެއްސާއި އެނޫން ވެސް ތަފާތު އެތައް ވައްތަރެކެވެ. ޚާއްސަކޮށް ކަނޑުތަކުގައި ދިރިއުޅޭ އެކި ބާވަތުގެ ދިރޭ ތަކެއްޗަކީ އަޖައިބުން ފުރިގެންވާ އެއްޗިއްސެވެ. މީގެ ތެރެއިން އެކައްޗަކީ ތިން ހިތާއި ނުވަ ސިކުނޑި ލިބިފައިވާ ބޯވަ އެވެ.

ބޯވައިގެ ތިން ހިތުގެ ތެރެއިން ދެ ހިތް އިންނަނީ ގިލްސް (ނޭވާލުމުގެ ނިޒާމު) ގައެވެ. މިއީ ލޭ ޕަމްޕް ކޮށް ދިނުމަށް އިންނަ ދެ ހިތެވެ. މި ދެ ހިތުގެ އިތުރުން އެސޮރުގެ ހަށިގަނޑުގެ މެދުގައި އިތުރު ހިތެއް އިނދެ އެވެ. އެހެން ގުނަވަންތަކަށް ލޭ ފޮނުވައި ދެނީ މި ހިތުންނެވެ.

ބޯވައިގައިވާ އެންމެ ޝައުގުވެރި އަނެއް ކަމަކީ އެސޮރުގެ ލޭ ނޫކުލައިގައި ހުރުމެވެ. އިންސާނުންގެ ހަށިގަނޑުގައި ހުންނަ ލޭ ރަތް ކުލައިގައި ހުންނަނީ އެ ލޭގައި ދަގަނޑުގެ ބައި އެކުލެވޭ ޕްރޮޓީނެއް ކަމަށްވާ ހިމޮގްލޮބިން ހުންނާތީ އެވެ. ނަމަވެސް ބޯވައިގެ ގައިގައި ހުންނަނީ ކޮޕާ އެކުލެވޭ ހީމޯސައިނަން ކިޔާ ޕްރޮޓީން އެކެވެ. އެސޮރުގެ ލޭ ނޫކުލައިގައި ހުންނަނީ އެހެންވެ އެވެ.

ހީމޯގްލޮބިން އާއި އޮކްސިޖަން އެކުވާހާ އަވަހަކަށް ހީމޯސައިނަން އާއި އޮކްސިޖަން ބްލެންޑް ނުވެ އެވެ. އެހެންވެ ބޯވައިގެ ގިލްސްގައިވާ ދެ ހިތުން ލޭ ޕަމްޕް ކޮށްދީ އޮކްސިޖަން އާއި ލޭ ދައުރުކޮށްދެ އެވެ. އަދި ތިން ވަނަ ހިތުން މުޅި ހަށިގަނޑަށް ލެއާއި އޮކްސިޖަން ދައުރުކޮށްދެ އެވެ.

ބަޔޯޖިއޯ ޕްލެނެޓްގައިވާ އާޓިކަލެއްގައިވާ ގޮތުން ބޯވައަކީ އެންމެ ވިސްނުން ތޫނު ދިރުމެވެ. ސަބަބަކީ އޭގައި ނުވަ ސިކުނޑި އިންނާތީ އެވެ. ނަމަވެސް ބޯވައިގެ މި ހުރިހާ ސިކުނޑި ބަރާބަރަށް އެއްވެސް އޮޅުމެއް ނާރާ މަސައްކަތް ކުރަނީ ކިހިނެއް ބާއެވެ؟ ހަގީގަތުގައި ބޯވައިގެ ނުވަ ސިކުނޑީގެ ތެރެއިން އަށް ސިކުނޑިއަކީ އެ ސޮރުގެ އަށް ފަޔަށް ހާއްސަ ސިކުނޑި ތަކެކެވެ. އެ ސޮރުގެ ކޮންމެ އަތެއް / ފައެއް މަސައްކަތް ކުރަނީ ވަކި ސިކުނޑިއަކުންނެވެ. އަދި މެދުގައިވާ އަނެއް ސިކުނޑީއަކީ މުޅި ހަށިގަނޑުގެ ހަރަކާތަށްވާ އެއްޗެކެވެ.