ލައިފްސްޓައިލް

ކަނޑުއަޑީގައި 100 ދުވަސް ހޭދަކުރާ މީހާގެ ހަށިގަނޑަށް ބޮޑު ބަދަލެއް

ޔުނިވަސިޓީ އޮފް ސައުތު ފްލޮރިޑާގެ ޕްރޮފެސަރެއް ކަމަށްވާ ޖޯސެފް ޑިޓުރީ ކަނޑުއަޑީގައި 100 ދުވަސް ހޭދަކުރަން ނިންމީ ހަމައެކަނި ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ބޭނުމަކު ނޫނެވެ. "ސުޕަހިއުމަން" އަކަށް ވުމީ ވެސް އޭނާގެ އުއްމީދެކެވެ.

"އިންސާނެއްގެ ހަށިގަނޑު މީގެ ކުރިން މިހާ ގިނަ ދުވަހު ކަނޑުއަޑީގައި ހޭދަކޮށްފައެއް ނުވޭ. އެހެންވެ އަހަރެންގެ ހަށިގަނޑު ވަރަށް ފަރުވާތެރިކަމާއެކު ވަރަށް ކައިރިން މޮނިޓަ ކުރަމުން ގެންދާނެ،" ޑިޓުރީ ނެރުއްވި ބަޔާނެއްގައި ވެއެވެ.

ކަނޑުއަޑީގައި ޕްރޮފެސަރު މިހާ ގިނަ ދުވަސް ހޭދަކުރައްވާފައިވަނީ އޭނާ އާއި ސައިންސްވެރިންގެ ޓީމަކުން ހަދަމުންދާ ދިރާސާއަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކަނޑުއަޑީގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ސަބަބުން ހަށިގަނޑަށް އައި ބަދަލުތައް މޮނިޓާކުރަމުންދާއިރު އޭނާގެ ހިތް ބުނަނީ ކަނޑުއަޑީގައިވާ ޕްރެޝަރުގެ ސަބަބުން އޭނާގެ ސިއްހަތަށް އެކަށީގެންވާ ރަނގަޅު ފައިދާތަކެއް ކޮށްފައިވާނެ ކަމަށެވެ.

ޑިޓުރީ އަކީ ޔޫއެސް ނޭވީގައި ޑައިވިން އޮފިސަރެއްގެ ގޮތުގައި 28 އަހަރު މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ.

އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކަށް ގަދަޔަށް ޕްރެޝަރު ކުރުމުން ސެލްތައް އުފެދޭ މިންވަރު ފަސް ދުވަހުގެ ތެރޭގައި ޑަބަލްވާ ކަމަށް ޑިޓުރީގެ ޓީމުގެ ދިރާސާއިން ދައްކާފައި ވެއެވެ. މިއީ އިންސާނާގެ އުމުރު ދިގުވެ އުމުރުން ދުވަސްވުމުން ޖެހޭ އެކި ކަހަލަ ބަލިތައް ޖެހުން ދުރުވާނެކަމެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.

"އެހެންވެ އަހަންނަށް ހީވަނީ އަހަރެންނަށް ކަނޑު އަޑިން އަރާއިރު އަހަރެން ހުންނާނީ "ސުޕަ-ހިއުމަން" އަކަށް ވެފައި ހެން،" ޑިޓުރީ ވިދާޅުވި އެވެ.

އުމުރުން 55 އަހަރުގެ ޑިޓުރީ ކަނޑުއަޑީގައި ހޭދަކުރާ ދުވަސްތަކުގައި ދިރިއުޅެން ހަމަޖެހިފައިވަނީ ކޭ ލާގޯގެ ކައިރީގައި އޮންނަ ޖޫލްސް އަންޑަސީ ލޮޖްގައި ހަދާފައިވާ 100 އަކަފޫޓުގެ ތަނެއްގަ އެވެ. މިތަން ހުންނަނީ 30 ފޫޓު ފުނުގަ އެވެ.

ކަނޑުއަޑީގައި ޑިޓުރީ ހޭދަކުރަމުންދާ ދުވަސްތަކުގައި އޭނާގެ ބައޮމެޑިކަލް އިންޖިނިއަރިން ކްލާހަށް އޮންލައިންކޮށް ކިޔަވައި ދެމުން ދެއެވެ. އަދި މެޑިކަލް ޓީމެއް އޭނާ ހުންނަ ތަނަށް ޑައިވްކޮށް ގަވާއިދުން އޭނާގެ މެޑިކަލް ޓެސްޓްތައް ހަދަމުން ގެންދެ އެވެ.

މި ޕްރޮޖެކްޓް ފެށުމުގެ ކުރިންނާއި، ކުރިއަށްދާއިރު އަދި ޕްރޮޖެކްޓް ނިމުމަށްފަހުވެސް ޑިޓުރީ އަށް ސައިކޯސޯޝަލް، ސައިކޮލޮޖިކަލް އަދި މެޑިކަލް ޓެސްޓްތައް ހަދަން ޖެހޭނެ އެވެ. މި ޓެސްޓްތަކުގެ ތެރޭގައި ލޭގެ ޓެސްޓް ތަކާއި ސްކޭންތަކާއި އީސީޖީ އަދި ސްޓެމް ސެލް ސްޓެޓްސް ހިމެނެ އެވެ.

ޑިޓުވީ ވިދާޅުވި ގޮތުގައި ޔޫއެސް ނޭވީގައި އޭނާ މަސައްކަތް ކުރެއްވުމަށްފަހު އެނބުރި ވަޑައިގެން ޔުނިވަސިޓީ އޮފް ސައުތު ފްލޮރިޑާގައި ތައުލީމު ހާސިލު ކުރެއްވި އެވެ. ސިކުނޑިއަށް ލިބޭ އަނިޔާތައް ރަނގަޅުކުރާނެ ގޮތް ދަސްކުރުމަށެވެ.

"މިލިޓަރީގައި އުޅޭ އަހަރެންގެ ވަރަށް ގިނަ އަޚުންނާއި އުޚުތުންގެ ސިކުނޑިއަށް އަނިޔާތައް ލިބި ފަރުވާ ހޯދަން ޖެހިފައިވޭ. އެހެންވެ އަހަރެން ބޭނުންވީ އެމީހުންނަށް އެހީތެރިވެވޭނެ ގޮތްތައް ދަސްކުރަން. ހައިޕަބޭރިކް ޕްރެޝާ އިން ސިކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު އިތުރުވެ ލިބޭ އަނިޔާތަކަށް ފަރުވާ ކުރެވިދާނެ ކަމަށް އަހަންނަށް އެނގިފައިވޭ،" ޑިޓުރީ ވިދާޅުވި އެވެ.