މޯލްޑިވްސް ޕޮލިސް ސާވިސް

"ނޭވާހޮޅިއަށް" ނުބޭއްވޭނެ ކަމަށް އަންގައިިފި

Mar 23, 2022
1

އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިންތިޒާމުކޮށްގެން "ނޭވާހޮޅިއަށް" މި ނަމުގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން ރަސްމީކޮށް އަންގައިފި އެވެ.

އަންނަ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުންދާ ހަރަކާތް ނުބޭއްވޭނެ ކަން ފުލުހުން އެންގީ އެ ހަރަކާތް އިންތިޒާމު ކުރާ ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ ބޭފުޅުންނާ މިއަދު އިސްކަންދަރުކޮށީގައި ބައްދަލުކުރެއްވުމަށްފަހު އެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ ހުކުރު ދުވަހު ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގީ އެ ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަށްފަހު ކަމަށެވެ.

ޝާހިދު ވިދާޅުވީ ހުކުރު ދުވަހުގެ ހަރަކާތަކީ ހަމަނުޖެހުމަށް ހިންގުމަށް ނުވަތަ ވަކި ބަޔަކަށް ހަމަލާދިނުމަށް ރާވާފައިވާ ހަރަކާތެއް ނޫން ކަމަށް ފުލުހުންނަށް ތަކުރާރުކޮށް ދެންނެވި ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދާނީ ގާނޫނުއަސާސީއާ ގާނޫނުތަކުން ލިބޭ ހައްގުތަކުގެ ތެރެއިން ކަމަށްވެސް ދެންނެވި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދައުރު ގާނޫނުގައި ވަރަށް ގިނަ ޒިންމާތަކަކާ އެކު އޮތް އިރު، ހަރަކާތެއް ނުހިންގައި ބަލަން ތިބުމަކީ ސިޔާސީ ޕާޓީގެ ދައުރެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އިދިކޮޅުގެ ހަރަކާތް އޮންނާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވާތީ ހުކުރު ދުވަހަށް އިންތިޒާމުކޮށްފައިވާ ހަރަކާތް ރާވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބާއްވާ އެއްވުމަށް އަތޮޅު ތެރެއިން ވެސް ގިނަ ބަޔަކު އަންނާނެ ކަމަށް ކޯލިޝަނުން ބުނެ އެވެ. އެގޮތުން މިހަރަކާތުގައި 4،000އާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.