މަހިބަދޫ

މަހިބަދޫގެ ބިން ހިއްކައިދިނުމަށް އެދިއްޖެ

Mar 23, 2022

މަހިބަދޫ އަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރަން ބިން ހިއްކައިދިނުމަށް ސަރުކާރުގައި އެދިއްޖެ އެވެ.

މަހިބަދޫ ކައުންސިލުން އެކަމަށް އެދުނީ ކައުންސިލް މެންބަރުން، ނައިބް ރައީސް ފައިސަލް ނަސީމާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށްފަހު އެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ނައިބް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މަހިބަދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެ ރަށުގެ ބިން ފުރިފައިވާތީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިމަތިވެފައިވާ ދަތިތަކެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ މަހިބަދޫގައި ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫއު ބަޖެޓުގައި ހިމެނި އެ މަސައްކަތް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ކުނި މެނޭޖުކުރުމުގެ ދަތިތަކާއި، ރަށުގައި ދަނާލެއް އެޅުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ކައުންސިލަރުން ވިދާޅުވި ގޮތުގައި މަހިބަދޫގެ ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާ ކަމަށްވާތީ އެ ރަށުގެ ބިން ހިއްކުމަށް ރަށު ރައްޔިތުން ވަރަށް ބޮޑަށް އެދެ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކަވައިގެން އެދެވޭ ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. މަހިބަދޫގެ އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.