މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާ ކުށަކަށްވީ ބޮޑު ކުލީގައި ތަނެއް ކުއްޔަށް ހިފައިގެން ނުދިއުން ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މަލީހް މިހެން ވިދާޅުވީ އޭނާ ކޮމިއުނިކޭޝަން މިނިސްޓަރަކަށް ހުންނެވިއިރު އޭނާގެ ކޮޓަރިކޮޅާއި އެ މިނިސްޓްރީގެ އިމާރާތުގެ ބްލޮކް-ބީ މަރާމާތުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނުމާއި ގުޅިގެންނެވެ.
އެ ރިޕޯޓްގައިވާ ވާހަކަތައް ދޮގުކުރައްވާ މަލީހް ވިދާޅުވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އޮފީހަކީ ސަރުކާރުގެ އެހެން އޮފީސްތައް ނަމޫނާ އަކަށް ބަލަން ކަމުދާ ގޮތަށް ހަރަދު ކުޑަކޮށް ނިންމާފައިވާ ފުރިހަމަ އޮފީހަކަށް ވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމުގައި މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ކުށަކަށްވީ ބޮޑު ކުލީގައި ތަނެއް ކުއްޔަށް ހިފައިގެން ނުދިއުން ކަމަށެވެ. އޭނާ ވަނީ ކުރީން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ހުރި ގޮތާއި ފަހުން މަސައްކަތް ނިމުމުން ހުރި ގޮތް ފެންނަ ވީޑިއޯއެއްވެސް އާންމު ކުރައްވާފައެވެ. މަލީހް ވިދާޅުވީ އޮފީސް ހެއްދެވުން އެއީ ސިއްރުން ފޮރުވިގެން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި އޮޑިޓް އޮފީހުގެ ރިޕޯޓަކީ ނޫސްވެރިންނަށް އޮޅުން އަރާގޮތަށް ތައްޔާރު ކޮށްފައިވާ ފެންވަރު ދަށް އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް ކަމަށް ވިދާޅުވިއެވެ.
"ބާގުދަނަކަށް ޓެކް މިނިސްޓްރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެއްދީމަ އެހެން އޮފީސްތައް ކުއްޔަށް މަހަކު ހަރަދު ކުރާ މިންވަރުން ބްލޮކް ބީ ޒަމާނީކޮށް ބަޖެޓަށް ލުއިކޮށް ހަދާފައިވާނެ. އޯޑިޓު އޮފީހުން ކޮމިއުނިކޭޝަން މިނިސްޓްރީގެ މުވައްޒަފުން ހަރަދު ކުޑަކޮށް ދައުލަތުގެ ބަޖެޓަށް ލުއިވާ ގޮތަށް ކުރެއްވި އިހްލާސްތެރި މަސައްކަތަށް އެވޯޑް ދޭން ޖެހޭ. ބަޔަކު އޮޅުވާލަން މަސައްކަތް ކުރިޔަސް ޓެކް މިނިސްޓްރީ ޒަމާނީ ކުރީ އެކަންކުރެވެން އޮތް އެންމެ ރަނގަޅަށް،" މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ކުއްލިއަކަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ނެރުނީ އެމްޑީޕީ އިންތިހާބާ ދިމާކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އެކައުންޓުން ކުރި ޓްވީޓްތަކުގެ މައްސަލަ އޮއްބާލާ ފޯކަސް އަނބުރާލުމަށް ކަމަށެވެ.