އޮޑިޓާ ޖެނެރަލް އޮފީސް

މަލީހުގެ ކޮޓަރިކޮޅަށް ހަތްލައްކަ ހަރަދުކުރީ ގަވާއިދާ ހިލާފަށް

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ކުރިން ހުންނެވި މުހައްމަދު މަލީހް ޖަމާލްގެ ކޮޓަރިކޮޅާއި އެ މިނިސްޓްރީގެ އިމާރާތުގެ ބްލޮކް-ބީ މަރާމާތުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިނިސްޓަރުގެ ކޮޓަރިކޮޅާއި، އެ މިނިސްޓްރީގެ އިމާރާތުގެ ބްލޮކް-ބީ މަރާމާތުރަން 795،000 ރުފިޔާއަށް އަމިއްލަ ފަރާތަކާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މި މަސައްކަތުގެ ބައެއް ކަންކަން ކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މަލީހު އޭރު ބޭނުންވެވަޑައިގަތީ އެމެރިކާގެ ވައިޓްހައުސްގެ އޯވަލް އޮފީހާ އެއްގޮތަށް އެމަނިކުފާނު އިންނަވާ ކޮޓަރިކޮޅުގެ އިންޓީރިއާ ޑިޒައިން ހެއްދެވުމަށެވެ.

މި މަސައްކަތް އަމިއްލަ ފަރާތަކާ ސެޕްޓެމްބަރު 15، 2019 ގައި ހަވާލުކޮށްފައިވަނީ 25 ދުވަހުގެ ތެރޭ ނިންމުމަށެވެ. އެކަމަކު މަސައްކަތް ނިންމާފައިވަނީ މަސައްކަތް ނިންމަން ހަވާލުކުރި ތާރީހުގެ އަހަރެއް ފަހުންނެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި، އެގްރިމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތްތައް ލަސްވާނަމަ، ލަސްވުމުގެ ސަބަބުން މިނިސްޓްރީއަށް ލިބޭ ގެއްލުމުގެ އަގު ނުވަތަ ލިކުއިޑޭޓެޑް ޑެމޭޖަސް ކޮންޓްރެކްޓާ އަތުން ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މުޅި ކޮންޓްރެކްޓްގެ އަގުގެ 15 ޕަސެންޓަށް ވުރެ ބޮޑު ނުވާނެހެން އެ ފައިސާ މިނިސްޓްރީން ކޮންޓްރެކްޓަރު އަތުން ހޯދަން ޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ.

އޮޑިޓް ރިޕޯޓު ބުނާ ގޮތުގައި މަސައްކަތް ލަސްވުމުން ލިކުއިޑޭޓް ޑެމޭޖަސްގެ ގޮތުގައި 119،250 ރުފިޔާ އުނިކުރަން ޖެހުނު ނަމަވެސް، އުނިކޮށްފައި ވަނީ 9،834 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގެ ރިޓެންޝަން ފައިސާ ވެސް އުނިކޮށްފައެއް ނުވެ އެވެ. މާލިއްޔަތު ގަވާއިދާ ހަވާލާދީ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ކުރުވާ މަސައްކަތާއި ހޯދާ ހިދުމަތުގެ ޖުމްލަ އަގު 250،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމްލަ އަގުގެ ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ވާނެ ކަމަށެވެ. އެކަމަކު އެ ފައިސާ ވެސް އުނިކޮށްފައެއް ނުވެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ މިނިސްޓަރުގެ ކޮޓަރިކޮޅުގެ މަސައްކަތް ކުރިއަށް ދަނިކޮށް އިއުލާނުކޮށްފައި ނުވާ މަސައްކަތެއް ހަމަ އެ ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ މިނިސްޓަރުގެ ކޮޓަރިކޮޅުގައި ހުރިގޮތަށް ވޯކްވޭ ދެ ފަރާތުގައި ގުރޫ ކަނޑާ، ފިލާ ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 103،880 ރުފިޔާ އަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުން ކަމަށާއި، އެގޮތަށް އިއުލާނު ނުކޮށް މަސައްކަތް ހަވާލުކުރުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައި ހުރި އެހެން ކަންކަން

ކޮމިއުނިކޭޝަން މިނިސްޓްރީއާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ 2019 ވަނަ އަހަރު ގަވާއިދާ ހިލާފަށް ކޮންސަލްޓެންޓުންގެ މަގާމަށް މުވައްޒަފުން ނަގައިފައިވާ ކަމަށެވެ. އެގޮތުން އެ މީހުން ހޯދަން އިއުލާނުކުރީ އައިޓީ މަސައްކަތް ކުރުވުމަށް ނަމަވެސް، ބައެއް އިދާރީ މަގާމުތަކަށް ވެސް ކޮންސަލްޓެންޓުން ނަގާފައިވާ ކަމަށެވެ. އަދި އެމީހުންނަށް ސިވިލް ސާވިސް މުވައްޒަފުންގެ އޮނިގަނޑާ އެއްގޮތަށް މުސާރައާ އިނާޔަތްތައް ހަމަޖައްސާފައިވާ ކަމަށާއި، އެމީހުންނަށް ޕާފޯމަންސް އެލަވަންސް ވެސް ދެމުން އައި ކަމަށް ފާހަގަކޮށްފައިވެ އެވެ.

"ކޮންސަލްޓެންޓުންނަކީ ވަކި ހާއްސަ ކަންކަމަށް ބޭނުންވާ ފަންނީ ލަފާ އާއި އިރުޝާދު ދިނުމަށާއި ވަކި ހާއްސަ މަސައްކަތެއް ކުރުމަށް ހޯދާ ބަޔަކަށްވާއިރު، އެފަރާތްތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމަށް ޕާފޯމަންސް އެލަވަންސެއް ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ފާހަގަކުރަމެވެ." ރިޕޯޓްގައިވެ އެެވެ.

ރިޕޯޓުގައި ބުނެފައިވަނީ ފިނޭންސް މިނިސްޓްރީން އެ މިނިސްޓްރީއަށް ހުއްދަ ދިނީ ކޮންޓްރެކްޓް މުވައްޒަފުން ވަޒީފާއަށް ނެގުމަށް ކަމަށެވެ. 2019 ވަނަ އަހަރުގެ ކުރިން ވެސް އެގޮތަށް މީހުންނަށް އެ މިނިސްޓްރީން ވަޒީފާ ދެމުން އައި ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މިނިސްޓްރީގެ ހަރުމުދަލުގެ ހިސާބުތައް ވެސް ބަލަހައްޓަމުން އައީ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. އެގޮތުން ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ މުދަލެއްގައި ވެސް ވަކި މައުލޫތަކެއް ފުރިހަމަކޮށް ބެލެހެއްޓިފައި ހުންނަންވާނެ ކަމަށް މާލިއްޔަތު ގަވާއިދު ބުނެ އެވެ. އެކަމަކު ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ހޯދާފައިވާ ގިނަ އަދަދެއްގެ މައިކްރޯ ސޮފްޓް ލައިސެންސްތައް ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހިމަނާފައިވާ ތަކެތީގެ އަގު އެ ރަޖިސްޓްރީން އެނގޭކަށް ވެސް ނެތެވެ. އޭގެ ސަބަބުން އެ މިނިސްޓްރީގެ 2019 ވަނަ އަހަރުގެ މާލޯ ބަޔާނުގައި ހަރުމުދަލުގެ ގޮތުގައި ހިމަނާފައިވާ 164.4 މިލިއަން ރުފިޔާ އަކީ ހަރުމުދަލުގެ ސައްހަ އަގު ކަމާ ދޭތެރޭ އޮޑިޓް ރިޕޯޓްގައި ވަނީ ސުވާލު އުފައްދާފަ އެވެ.