މުހައްމަދު މަލީހު ޖަމާލް

އިންޓަނެޓް އަގުހެޔޮ ކުރަން އެޅުނު އެންމެ ބޮޑު ހުރަހަކީ ޝައުނާ: މަލީހު

އިންޓަނެޓް އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތަކަށް އެޅުނު އެންމެ ބޮޑު ހުރަހަކީ މިނިސްޓަރު އައިމިނަތު ޝައުނާ ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓަރު ޝައުނާ ކުރައްވާނެ ކަމަށާ އެކަމާ ޝައްކު ނުކުރައްވާ ކަމަށެވެ. މަލީހު ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަންޖެހޭ މަަސައްކަތް ޖޫން 19، 2019 ގައި އޭނާގެ މިނިސްޓަރު ކަމުގައި ނިންމާފައިވާ ކަމަށެވެ. ދެން އޮތީ ބަޓަނަކަށް ފިއްތާލާ އަގުހެޔޮ ކުރަން ނިންމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އިންޓަނެޓް އަގު ހެޔޮކުރުމަށް ކުރެވުނު މަސައްކަތަކަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ޝައުނާ ކަމަށެވެ. ޝައުނާ އޭރު ހުންނެވީ ރައީސް އޮފީހުގެ ފޮލިސީ ސެކްރެޓަރީ އަކަށެވެ.

އިންޓަނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގެން އަގުތައް ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. ނަަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ އެ ދުވަހު ނުދެއްވަ އެވެ.

"އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކު ވިދާޅުވި އެވެ.