މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެ ސްކޫލެއްގައި ކްލާސްރޫމް އަޅަން ހަވާލުކޮށްފި

Mar 24, 2022

ކ. ހިންމަފުށި ސްކޫލާއި ބ. ކިހާދޫ ސްކޫލްގައި ކްލާސްރޫމްތަކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ކިހާދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިސްކޯ ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުﷲ އެވެ.

ހިންމަފުށި ސްކޫލުގެ މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްލަމް ރުޝްދީ އެވެ.

ދެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކިހާދޫ ސްކޫލުގައި ކުރަންޖެހެނީ ދެ ކްލާސްރޫމް އިމާރާތް ކުރުމާއި ވަށާފާރު ރޭނުމެވެ. ހިންމަފުށީ ސްކޫލުގައި ހަތަރު ކްލާސްރޫމާއި ހޯލު އިމާރާތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ކިހާދޫ ސްކޫލުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ 2.1 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ 99 ދުވަހެވެ.

ހިންމަފުށި ސްކޫލުގެ މަސައްކަތްތައް 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ 16.7 މިލިއަން ރުފިޔާ އަށެވެ.

ސްކޫލުތަަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކޮށް ސްކޫލުތަކުގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.