މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ހަތަރު ރަށެއްގެ ކައިރީގައި ހަތަރު ކަނދުފަތި އަޅައިފި އެވެ. އެ ރަށްތަކަކީ ވ. ކެޔޮދޫ، އދ. މާމިގިލި، ތ. ކިނބިދޫގެ އިތުރުން ގދ. ތިނަދޫ އެވެ.
މާމިގިލި ކައިރީގައި ކަނދުފަތި އަޅާފައިވަނީ އެ ރަށުގެ ހުޅަނގު ދެކުނުން 16 މޭލު ބޭރުގަ އެވެ. ކެޔޮދޫ ކައިރީގައި ކަނދުފަތި އަޅާފައިވަނީ އެ ރަށުގެ އިރު އުތުރުން 17 މޭލު ބޭރުގަ އެވެ. ކިނބިދޫގެ ހުޅަނގު ދެކުނު ނުވަ މޭލު ބޭރުގައި ކަނދުފަތި އަޅާފައިވާއިރު ތިނަދޫގެ ހުޅަނގު ދެކުނުން 16.5 މޭލު ބޭރުގައި ވެސް ވަނީ ކަނދު ފަތި އަޅާފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިން ކަނދުފަތި އަޅާއިރު ކޮންމެ ކަނދުފައްޗަކަށް ނަންބަރެއް ދީފައިވާތީ ކަނދުފަތީގެ ޖުމްލަ އަދަދުތައް އާންމުކޮށް އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް ފަހުން ކަނދުފަތި އަޅާއިރު މިނިސްޓްރީން ނަންބަރު ޖަހާފައިވަނީ އެ މައުލޫމާތު މިނިސްޓްރީ އަށް އެނގޭ ގޮތަށެވެ.
ކަނދުފައްޗެއް ކަނޑައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ އެ ކަނދުފަތި އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ކައުންސިލް އިދާރާއެއް މެދުވެރިކޮށް އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދެ އެވެ.
ކަނދުފަތިތައް ކައިރީގައި ގަވައިދާ ހިލާފަށް އެއްވެސް ފަރާތަކުން މަސްވެރިކަން ނުކުރުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
ކަނދުފަތިތަކާ ތިން މޭލު ކައިރިން މިޔަރު ހިފުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި، ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުމާއި ކަނދުފަތީގައި ވާ އައްސައިގެން ތިބުން ފަދަ ކަންކަމަކީ ކުރުން މަނާ ކަންކަމެވެ.