ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ރެކޯޑު ފައިދާއެއް ބަހަން ތައްޔާރުވަނީ

Mar 25, 2022
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ރެކޯޑު ފައިދާއެއް ހިއްސާދާރުންނަށް ދޭން ތައްޔާރު ވެއްޖެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 35ރ.ގެ ރޭޓުން މި އަހަރުގެ ފައިނަލް ޑިވިޑެންޑް (ހިއްސާގެ ފައިދާ) ގެ ގޮތުގައި 188.9 މިލިއަން ރުފިޔާ ބަހާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ކުންފުނިން މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 15ރ. އެވެ. އެހެންވެ މިއީ ރެކޯޑު ފައިދާއެކެވެ.

ބީއެމްއެލްގެ ހިއްސާގެ ފައިދާގެ އިތުރުން އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 13ރ. ގެ ރޭޓުން 69.9 މިލިއަން ރުފިޔާ ބަހަން ވެސް ބޯޑުން ވަނީ ނިންމާފަ އެވެ. ނަމަވެސް މި ނިންމުންތައް ތަންފީޒު ވެގެންދާނީ އެ ކުންފުނިން އަހަރީ އާއްމު ޖަލްސާ ބާއްވައި ހިއްސާދާރުން އެގޮތަށް ފާސް ކުރުމުންނެވެ. މި ފައިދާ ލިބޭނީ އަންނަ މަހުގެ 20 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.