ޗައިނާ ފޮރިން މިނިސްޓަރު ވާންގް ޔީ ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ފަހު މިހާރު އުޅުއްވަނީ އަފްޣާނިސްތާންގަ އެވެ.
ވާންގް ޔީ އިންޑިއާއަށް ވަޑައިގަތީ ކުރިއާލައި ހަމަޖައްސާފައި ނުވާ ދަތުރެއްގަ އެވެ.
އިންޑިއާއަށް ވަޑައިގެން އެކްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިޔަމް ޖައިޝަންކަރާ ވާންގް ޔީ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާ ކުރެއްވި އެވެ.
ޗައިނާ އާއި އިންޑިއާއާ ދެމެދު މައްސަލަ ޖެހި އަރާރުންވާ ހިސާބަށް ދަނީ ދެގައުމު ގުޅޭ ބޯޑަރު ސަަރަހައްދާ ހެދި އެވެ. އެ ސަރަހައްދުގެ މިލްކުވެރިކަން ކަށަވަރު ކުރުމުގައި އަމަލު ކުރަން ވަކި ގޮތެއް މަޝްވަރާއިން ހަމަޖެއްސި ނަމަވެސް ގަވާއިދުތައް ދެމެހެއްޓިފައެއް ނުވެ އެވެ.
ވާންގް ޔީއާ ބައްދަލު ކުރައްވައި ޖައިޝަންކަރު ވިދާޅުވީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަން އިންޑިއާ އެދޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބޯޑަރު ސަރަހައްދާ މެދު އިންޑިއާ ނުތަނަވަސްވާ ކަމަށާއި، އެކަން އެގޮތަށް އޮއްވައި ދެކޮނޑު ޖައްސައި ބައްދާލަން ފަސޭހަފުޅު ނޫން ކަމަށެވެ.
ޗައިނާއާ އާއި އިންޑިއާ ކުރިން އެއްބަސްވި އަދަދަށް ވުރެ ލަޑަކް ސަރަހައްދުގައި މިހާރު ވެސް ޗައިނާ ސިފައިން ގިނަ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާ އިމުގެ ތެރެއަށް ޗައިނާ ސިފައިން ވަނުން ހުއްޓުވައިގެން ނޫން ގޮތަކަށް މަޝްވަރާ ކުރައްވަން ދަތިފުޅު ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
ޖައިޝަންކްރު ވިދާޅުވި ގޮތުގައި ސުލްހަވުމަށް މަޝްވަރާތައް އަބަދު ވެސް ކުރެވެ އެވެ. އެހެންން ނަމަވެސް ޗައިނާއިން ޝައުގުވެރިވާ މިންވަރު ކުޑަ ކަމަށް ވިދާޅުވި އެވެ.
ޗައިނާ ފޮރިން މިނިސްޓަރު ވިދާޅުވީ އިންޑިއާއާ ގުޅުން ބަދަހި ކުރަން އެދިވަޑައި ގަންނަވާ ކަމަށާއި ދެގައުމު ގުޅިގެން ސުލްހައަށް ގޮތެއް ނިންމަން ޖެހިފައި އޮތް ކަމަށެވެ.
ދެވަޒީރުންގެ މަޝްވަރާގައި ދުނިޔެއަށް ވެސް އަލިއަޅުއްވާ ލެއްވި އެވެ.
ރަޝިއާ އާއި ޔުކްރޭން ހަނގުރާމައިގައި ޔުކްރޭން ރައްޔިތުންނަށް ޖެހިފައި އޮތް ހާލަތަށް ދެގައުމުން އެހީތެރިވާ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.