ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާ އެކަން އިއުލާންކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އެ މަޝްރޫއު އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ފުވައްމުލަކަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނަށް ދެއްވި މާހެފުމެއްގަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ރާއްޖޭގެ ހުރިހާ ހިސާބެއްްގައިވެސް އަދި ފުވައްމުލަކު ރައްޔިތުންގެ ވެސް ޒަމާންވީ ޝަކުވާއެއް ކަމަށެވެ.
"އެ ޝަކުވާއަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައި. ފުވައްމުލައް އުފެދިފައި މިވާ ގޮތުން ބިން ދޫކުރުމަށް އިތުރު ބިން ރަށުން ދިނުން މިވަނީ އުނދަގޫ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެ ފްލެޓްތަކުގެ ތެރެއަށް އިތުރު 200 ފްލެޓް އިތުރުކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.
މި ހަފްލާގައި ރައީސް ވަނީ ފުވައްމުލަކުގެ އެއާޕޯޓާއި ބަނދަރުގެ ޓެކްނިކަލް ސާވޭ ހެދުމަށްފަހު އެއާޕޯޓާއި ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. މީގެތެރެއިން 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ފުވައްމުލަކުގައި އެޅުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން ފުވައްމުލަކާއި އައްޑޫ އަށް ކުރައްވާ ދަތުރުފުޅެއްގައި އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން އެރަށުން ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ފުވައްމުލަކުން ރައީސްގެ ދެކަނބަލުންނަށް އިސްވެ މަރުހަބާ ދެންނެވީ ފުވައްމުލަކަށް ނިސްބަތްވާ ނައިބް ރައީސް ފައިސަލް ނަސީމް އެވެ.