މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ފުލުހުން ތުހުމަތުކުރާ އަހްމަދު ހުސައިން، ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ވަކިކޮށްފި އެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ހުސައިންގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޕީއެންސީން ބުނީ އަހްމަދު ހުސައިން އަށް ތުހުމަތުކުރާ މައްސަލަ ބެލުމަށްފަހު ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކި ކޮށް، އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ސިޔާސަތުތަކާއި ގާނޫނުތަކާއި ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ ލީޑަޝިޕަށް ދީފައިވެ އެވެ.
އަހްމަދު ހުސައިންގެ މައްޗަށް ކުރެވޭ ތުހުމަތުގެ ކުޑަބޮޑު މިނަށް ބަލައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީއެންސީން ބުނެ އެވެ.
"ހަމައެއާއެކު އަހްމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ މައްސަލަ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށްވެސް ގޮވާލަމެވެ." ޕީއެންސީގެ ބަޔާނުގައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ޕީއެންސީގެ ކައުންސިލް މެންބަރެއް ކަމުގައިވާ ޝަހީބް އިބްރާހިމް ވެސް ހައްޔަރުކޮށްފައިވާތީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން އޭނާ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ޝަހީބް ހައްޔަރުކުރީ 130 ކިލޯގެ މަސްތުވާތަކެތީގެ އިސް މީހަކީ އޭނާ ކަމަށް ތުހުމަތުކޮށް އޮކްޓޫބަރު 2020 ގައެވެ.
ޝަހީބާއި އަހްމަދު ހުސައިން އަކީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ވާދަވެސް ކުރެއްވި ދެ ބޭފުޅުންނެވެ. ޝަހީބް ވާދަކުރެއްވީ ގއ. ވިލިނގިލި ދާއިރާގެ ގޮނޑި އަށެވެ. އަހްމަދު ހުސައިން ވާދަކުރެއްވީ ރ. އަލިފުށި ދާއިރާގެ ގޮނޑި އަށެވެ.
އަހްމަދު ހުސައިން އަށް ތުހުމަތުކުރާ 42 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުރީ މާފަންނު ގެއެއްގަ އެވެ. އެތަކެތި ފުލުހުން އިއްޔެ ވަނީ އަތުލައިގެންފަ އެވެ.